ކުށެއް ސާބިތުނުވަނީސް، ވަކި މުއްދަތެއް ނެތި ގިނަ ދުވަސްވަންދެން މީހުން ބަންދުގައި ތިބޭ މައްސަލަ ހައްލުކުރުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން މިހާތަނަށް 200އެއްހާ މީހުން ޓެގު އަޅުވާފައި ދޫކޮށްލަން އެދިއްޖެއެވެ.
'ސަން'އިން ސުވާލުކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޓެގް އަޅުވައި ދޫކުރުމަށް 200އެއްހާ މީހުން އެދިފައިވާ ކަމަށާއި، މިދިޔަ ޖޫން މަހާ ހަމައަށް 92 އެސެސްމަންޓެއް ހެދުމަށް އެދިފައި އޮތް ކަމަށެވެ.
އޭގެތެރެއިން، 20 މީހަކު ޓެގު އަޅުވާފައި ދޫނުކުރަން ނިންމާފައިވާ ކަމަށާއި މިހާތަނަށް ތޭރަ މީހަކު ޓެގު އަޅުވާފައި ދޫކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮފިޝަލް ވިދާޅުވީ، އެ ނިޒާމުގެ ތެރެއިން މީހުން ދޫނުކޮށް އާންމުކޮށް ގިނަ ދުވަސްވަނީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ޒާތުގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ކަމަށެވެ.

ގައިދީއެއް: މިހާތަނަށް ޓެގު އަޅުވާފައި ދޫކޮށްލަން 200އެއްހާ މީހުން އެދިއްޖެ -- ފޮޓޯ/ ކަރެކްޝަންސް
މިދިޔަ މެއި 28ގައި، ޓެގު އަޅުވާފައި މީހުން ދޫކުރަން ފެށީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށެވެ. އެ ނިޒާމުގެ ތެރެއިން ދޫކުރާ މީހުންގެ ވަނަވަރު ކްރިމިނަލް ކޯޓުން ހާމަކުރެއެވެ.
ޕީޖީ އޮފީހުން ޓެގު އަޅުވާފައި ތޭރަ މީހުން ދޫކޮށްލި ކަމަށް ބުނި ނަމަވެސް، ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އަމުރުތަކުން ދައްކަނީ، މިހާތަނަށް ދޫކޮށްފައިވަނީ ނުވަ މީހުން ކަމަށެވެ. އެގޮތުން އެންމެ ފަހުން މީހަކު ދޫކޮށްލީ ޖުލައި 17ގައި ކަމަށް ކޯޓު އަމުރުތަކުގައިވެއެވެ.
ޓެގު އަޅުވައި މީހުން 100 ދުވަހަށް ދޫކުރާއިރު، އެމީހުން ދޫކުރަނީ ކޯޓުން ހުށަހަޅާ ޝަރުތުތަކަށް އެއްބަސްވެގެނެވެ.
ޕީޖީ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުންޏެވެ.
އޭގެތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އިތުރަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެއެވެ.