ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ރަޝީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓުމަށްފަހު އެމްޕީއެލާ ހަވާލުކުރި ދެ ކޮންޓެއިނަރުގެ 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހުގެ ނުވަވަނަ ދުވަހެވެ. މި މައްސަލައިގައި ދިގަލިގެ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ މައްޗަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ.
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާތީ ބަންދު މުރާޖައާކުރުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މި ވައްކަން ފެންމަތިވި ފުރަތަމަ ދުވަސްކޮޅު ދިގަލިއާއި އާއްޓޭގެ އިތުރުން ދެން ހައްޔަރުކުރީ ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.
އޭގެ ފަހުން މި ވައްކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީވިކަމުގެ ތުހުމަތުގައި ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) ހައްޔަރުކޮށް ބަންދުކުރުމަށްފަހު، ކޮންޓެއިނަރުތައް ގެންދިޔަކަމުގެ ތުހުމަތުގައި ކޮންޓެއިނަރު ގެންދިޔަ ދޯނީގެ ކެޕްޓަން ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދު ހައްޔަރުކޮށް ވަނީ ބަންދުކޮށްފައެވެ.
އެއަށްފަހު، އިތުރު ތިން މީހަކު އިއްޔެ ހައްޔަރުކޮށް، ވަނީ ބަންދުކޮށްފައެވެ. އެ ތިން މީހުންނަކީ:
- އަހްމަދު ޝަމީމް / ނޫރަލީގެ، ހދ. ވައިކަރަދޫ (42 އަހަރު)
- އަހްމަދު ފިރުޝާން / ހ. ރުމޭނިއާ (35 އަހަރު)
- ހުސައިން ސާމިހު / ޗާންދަނީ، އައްޑޫ ހިތަދޫ (35 އަހަރު)
މީގެ ތެރެއިން ފިރުޝާން ފަސް ދުވަހަށް ބަންދުކުރިއިރު، ދެން ތިބި ދެ މީހުންގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.
އެހެންކަމުން މި މައްސަލައިގައި ހައްޔަރުކުރި ޖުމްލަ މީހުންގެ އަދަދު ވަނީ ނުވައަކަށް އަރައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއްނުކުރެއެވެ.