މޫނު ނިވާކޮށްގެން، އެއާޕޯޓުން ބޭންކްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފި

ވީއައިއޭގެ އާ ޓާމިނަލް: އެއާޕޯޓުން ފައިސާ ހުރި ސޫޓް ކޭހެއް ވަނީ ފޭރިގެންފައި -- ފޮޓޯ/ ވީއައިއޭ

މޫނު ނިވާކޮށްގެން ތިބި ބަޔަކު މިއަދު ފަތިހު، އެއާޕޯޓުން ބޭންކެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު 4:45 އެހާކަންހާއިރު ކަމަށެވެ.

ހާދިސާގެ މާ ބޮޑު ތަފުސީލެއް ނުދީ ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ ކަމަށެވެ.

އެކަމަކު، އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނުވަތަ ކޮން ބޭންކެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

އެ ކަމުގައި ޝާމިލުވަނީ ކިތައް މީހުން ކަމެއް ނުވަތަ ފައިސާ ފޭރިގަތުމަށް ފަހު އެ މީހުން ދިޔަ ތަނެއް ވެސް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އާންމުކޮށް ބޭންކަކުން އެއާޕޯޓަށް ފައިސާ ގެންދާނީ ދެ ކަމަކަށެވެ. އެއް ކަމަކީ އޭޓީއެމްތަކަށް ޖަމާކުރުމެވެ. ނުވަތަ އެއާޕޯޓުގައި ހުންނަ ބޭންކްގެ ކައުންޓަރުތަކުން ޑޮލަރު ދޫކުރަން ބޭނުންވާ ފައިސާއެވެ. އެކަމަކު، މައްސަލައިގައި މާ ބޮޑު ތަފުސީލެއް ނޭނގޭތީ، އެއީ ދިވެހި ރުފިޔާ ކަމެއް ނުވަތަ ޑޮލަރު ކަމެއް ވެސް ސާފެއް ނޫނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

https://sun.mv/208818

ފާހަގަކޮށްލެވޭ ގޮތުގައި އެމްއޭސީއެލުން މި ފަހުން ވަނީ އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އާ ޑިޕާޓްމަންޓެއް ގާއިމުކޮށްފައެވެ. އެ ތަން އުފެއްދީ ޕާކިން ސަރަހައްދުތަކާއި، ޖެޓީ ސަރަހައްދުތަކާއި، ޓެކްސީ ކިއުތަކުގެ އިތުރުން ކުންފުނީގެ އެސެޓްތަކާއި ހުޅުލޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާށެވެ.

މިހާރު ވެސް އެއާޕޯޓު ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވެސް ލިބެއެވެ.

އާ ސެކިއުރިޓީ ޑިޕާޓްމަންޓް އުފައްދަން ދިޔަ ޚަރަދު އެ ކުންފުނިން ވަނީ ސިއްރުކޮށްފައެވެ.

comment ކޮމެންޓް