އާޔުޝްގެ އުފަންދުވަސް މި ފަހަރު ވެސް ރާއްޖޭގައި

ބޮލީވުޑްގެ ޒުވާން އެކްޓަރު އާޔޫޝް އަދި އަންހެނުން އަރުޕިތާ ޚާން--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ޅިޔަނު އަދި ޒުވާން އެކްޓަރު އާޔުޝް ޝަރުމާއާއި އަންހެނުން އަރުޕިތާ ޚާން ދެ ކުދިންނާ އެކު ރާއްޖެ އަތުވެއްޖެއެވެ.

ބެލެވޭ ގޮތުގައި އާޔުޝްގެ އާއިލާއިން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އާޔުޝް އާއިލާއާ އެކު ރާއްޖެ އައިސްފައިވަނީ މި އަހަރުގެ އުފަންދުވަސް ފާހަގަކުރުމަށެވެ.

އިއްޔެ 35 އަހަރު ފުރުނު ޒުވާން އެކްޓަރު ވަނީ މިދިޔަ އަހަރު ވެސް އުފަންދުވަސް ފާހަގަކުރަން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން، 2019 އަދި 2023ގައި ވެސް އެކްޓަރުގެ އުފަންދުވަސް ފާހަގަކުރީ ރާއްޖޭގައެވެ.

މީގެ ކުރިން އާއިލާގެ އެހެން މެންބަރުން އާޔުޝްއާއި އާހިލްގެ ދަތުރުތަކުގައި ބައިވެރިވި ނަމަވެސް އެކްޓަރުގެ އުފަންދުވަހާ ގުޅިގެން ކުރި މި އަހަރުގެ ދަތުރުގައި ބައިވެރިވެފައިވަނީ ހަމައެކަނި އެ ދެމަފިރިންނާއި ދެ ކުދިންނެވެ.

އާޔުޝް އާއި އަންހެނުން އަރުޕިތާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

އާޔުޝްގެ އުފަންދުވަހާ ގުޅުވައިގެން އަރުޕިތާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. ނަމަވެސް، އެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބެލެވޭގޮތުގައި އެކަން ސިއްރުކޮށްފައިވަނީ މި ފަހަކަށް އައިސް އަރުޕިތާގެ ބޭބެ ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާންއަށް މެދުކެނޑުމެއްނެތި ލިބެމުން އަންނަ މަރުގެ އިންޒާރުތަކާ ގުޅިގެންނެވެ.

ސަލްމާނަށް ލިބޭ މަރުގެ އިންޒާރުތަކުގައި އެ އާއިލާގެ މެންބަރުން ވެސް މަރާލާނެ ކަމަށް ބުނެ ބައެއް ފަހަރު އިންޒާރުދީފައިވާތީ އާއިލާގެ ހުރިހާ މެންބަރުން ވެސް ވަނީ އެ މީހުންގެ ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށް އަމިއްލަ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރާ މިންވަރު ވެސް މަދުކޮށްފައެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ރުސްލާން"ގެ އެކްޓަރު އާޔުޝް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ "ކުވާތާ" ކިޔާ އެކްޝަން ތުރިލާއަކުންނެވެ.

ފިލްމު "ރުސްލާން"ގެ އެކްޝަން މަންޒަރެއް ނަގަމުން ދަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން އާޔުޝް ވަނީ ވަރަށް ފަހުން ސާޖަރީއެއް ވެސް ހަދާފައެވެ. އެހެންވެ، ފިލްމުތަކުން ބްރޭކެއް ނެގިކަން ވެސް އާޔުޝް ވަނީ ތަންކޮޅެއް ކުރިން އިއުލާނުކޮށްފައެވެ. ނަމަވެސް، އެ އަނިޔާއަށް ފަރުވާ ހޯދުމަށްފަހު އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާޔުޝްގެ އާއިލާއިން އެންމެ ފަހުން ރާއްޖެއަށް ކުރި ޒިޔާރަތުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ބޮލީވުޑްގެ ތަރިންގެ މެދުގައި މަގުބޫލު ރިސޯޓެއް ކަމަށްވާ ސޮނެވާ ސީކްރެޓްގައެވެ.

comment ކޮމެންޓް