ދެކުނު އިންޑިއާގެ މަގުބޫލު ފިލްމީ ތަރި ޖޫނިއަ އެންޓީއާރުގެ ކުރިއަށް އޮތް ފިލްމު "ޑްރެގަން"ގައި ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ތެލުގޫ އެކްޓަރު އެންޓީއާރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "ޑްރެގަން" އަކީ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމެކެވެ. ފިލްމުގެ ބައެއް ޝެޑިއުލްތައް މިހާރު ނިމިފައިވާއިރު ޖޫނިއަ އެންޓީއާރުގެ ބައެއް މަންޒަރުތައް މިހާރު ނިމިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެންޓީއާރުގެ އިތުރު މަންޒަރުތަކުގެ ޝޫޓިން ފެށޭނީ އެކްޓަރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމުން ކަމަށްވާތީ ފިލްމު ޔުނިޓުގެ މަސައްކަތް ވެސް ވަނީ މެދުކަނޑާލާފައެވެ.

ޖޫނިއަ އެންޓީއާރު ފިލްމު "ޑްރެގަން"އިން ފެންނަ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެކްޓަރުގެ ފޮޓޯ--ފޮޓޯ/ފޭސްބުކް
ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމުގެ ސްކްރިޕްޓަށް ވެސް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާއިރު އެންޓީއާރު ފެންނާނީ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.
ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށްވާ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ފިލްމު ސެޓުތައް ތައްޔާރު ކުރުމަށް 15 ކްރޯޑު ރުޕީސް ޚަރަދު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ހައިދަރުއާބާދުގެ ރާމޮޖީ ފިލްމު ސިޓީގައި ތައްޔާރުކުރާ މި ސެޓުގައި ކުރިއަށްދާނީ ޖޫނިއަ އެންޓީއާރުއަށް ޚާއްސަ ސީންތަކެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ޖޫނިއަ އެންޓީއާރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ އެކްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްމު "ވޯ 2"އިންނެވެ. ފިލްމު "ޑްރެގަން"ގެ އިތުރުން އެންޓީއާރްގު ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ދޭވަރާ: ޕާޓް 2" އަދި "އެންޓީއާރުނީލް" ހިމެނެއެވެ.