ކަރީނާ އާއިލާއާ އެކު ރާއްޖޭގައި؟

ބަތަލާ ކަރީނާ ކަޕޫރު އަދި ދަރިފުޅު ތައިމޫރު އަލީ ޚާން--ފޮޓޯ/ޓައިމްސްއިންޑިއާ

އިންޑިއާގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ކަރީނާ ކަޕޫރު ޚާން އާއިލާއާ އެކު ރާއްޖޭގައި ތިބިކަން ދޭހަވާފަދަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.

ކަރީނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުގައި ބަތަލާ ދަރިފުޅު ތައިމޫރު އަލީ ޚާންއާ އެކު ބައިސްކަލެއްގައި އުޅޭ މަންޒަރު ފެންނައިރު ކަރީނާގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާންއާ އެކު ތައިމޫރު ޓެނިސް ކުޅޭ ފޮޓޯއެއް ވަނީ ޕޯސްޓުކޮށްފައެވެ.

މީގެ އިތުރުން ހަގު ދަރިފުޅު ޖެއިއާ އެކު އެކްޓަރު މޫދުގައި ކުޅެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ޕޯސްޓުކޮށްފައިވެއެވެ. މި ފޮޓޯތައް ޕޯސްޓުކުރަމުން ކެޕްޝަންގެ ގޮތުގައި ކަރީނާ ބުނީ އެ ފޮޓޯ ތަކަކީ ހަފުތާ ބަންދަކީ ދިގު ދެމިގެންދާ ބަންދަކަށް ވުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ކަރީނާ ކަޕޫރު ދަރިފުޅު ތައިމޫރުއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަ ޤައުމުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިން ކަމަށްވާ ކަރީނާއާއި ސައިފް އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރި ޗުއްޓީ ހޭދަކުރަމުންދާ ޤައުމެއް ވެސް އަދި ރިސޯޓެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ވަރަށް ގިނަ ބަޔަކު ބުނެފައިވަނީ ކަރީނާގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ.އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު އަމިއްލަ މޯލްޑިވްސްގައި ކަމަށެވެ.

މި އަހަރުގެ ޖަނަވަރީ މަހުތެރޭ ސައިފާއި ކަރީނާ މުމްބާއީގައި ދިރިއުޅެމުން އަންނަ ގެއަށް ވައްކަން ކުރަން ކަމަށް ބުނެ، މީހަކު ވަދެ ސައިފަށް ހަމަލާދިން ހާދިސާއަށް ފަހު ދެ ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން އަންނަނީ އާއްމުންނަށް ސިއްރު ކުރަމުންނެވެ. އެގޮތުން، ސައިފާއި ކަރީނާގެ ދެ ކުދިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރުން ވަނީ ހުއްޓާލާފައެވެ.

ކަރީނާގެ އާއިލާއިން އެންމެފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. މިދިޔަ އަހަރު ފިލްމު "ކްރޫ" އަދި "ސިންގްހަމް އަގެއިން"އިން ފެނުނު ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ދާއިރާ" ހިމެނެއެވެ.

comment ކޮމެންޓް