އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަން ދީފައި އޮންނާނެ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޅ. އަތޮޅަށް ކުރައްވަމުގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން ވިދާޅުވީ، މި އަހަރުގެ ބަޖެޓު މި ހަފުތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި ވަޒީރުންގެ މަޖިލީހުން މިހާރު ބަޖެޓު ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ބަޖެޓުގައި އެންމެ އިސްކަންދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ ސަރުކާރުން އެ ދާއިރާއަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށެވެ.
"ބަލިތައް ޖެހުމުން ދުރުކުރުމަށް، ޖެހުނަ ނުދީ ދުރުކުރުމަށް، ޕްރިވެންޓިވް ހެލްތުކެއާ ދާއިރާއަށް ވަރަށް އިސްކަމެއް ދީގެން ޚަރަދުކުރުން އަދި ބަލިތައް ޖެހުނީމަ އެ ބަލިތަކުން ސަލާމަތްވާން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ވަރަށް ރާއްޖޭގެ ޚިދުމަތްތައް ގާއިމުކުރުމަށް އިންވެސްޓުކުރުން،" ރައީސް ވިދާޅުވިއެވެ.

ނައިފަރުގައި އޮތް ޖަލްސާގެ ތެރެއިން: އަންނަ އަހަރުގެ ބަޖެޓުން އެންމެ އިސްކަން ދޭނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
އެ ސިޔާސަތުގެ ދަށުން މި އަހަރު ވެސް އެކި މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ވެސް މުހިންމު މަޝްރޫއުތަކެއް ކަނޑައަޅައިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތުންތަކެއް ގައުމުގައި ތިބުމަކީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ކުރިއެރުމުގައި މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މި އަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދީފައި އޮންނާނީ ސިއްހީ ދާއިރާއަށް
ރައީސް ޑރ. މުޙައްމަދު މުއިއްޒު
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ ބަޖެޓު ޚާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމަށެވެ. ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި، ރައީސްގެ އެންމެ ބޮޑު އެއް ވައުދަކީ 18 އަހަރުން މަތީގެ އެންމެންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.
އެހެންވެ، ބޯހިޔާވަހިކަމަށް މި އަހަރުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ ކަމަށް އިއުލާނުކުރިއެވެ.
އެހެންނަމަވެސް، ދައުލަތުން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ޚަރަދުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ޕީއެސްއައިޕީ މަޝްރޫއުތަކުން ބޯހިޔާވަހިކަމަށް ޚާއްސަކޮށްފައިވާ 1.8 ބިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން ޚަރަދުކުރީ އެންމެ 164 މިލިއަން ރުފިޔާއެވެ. އެއީ އެންމެ ނުވަ އިންސައްތައެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ.