ޔާމީއާއި އިމްރާންގެ ފިލްމު 'ހަގް'ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ އިމްރާން ހާޝިމީއާއި ޔާމީ ގޯތަމް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ހަޤް"ގެ ޓްރެއިލާ ލޯންޗުކޮށްފިއެވެ.

އަންނަ މަހުގެ ހަތްވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމަކީ ބަތަލާ ކާޖޮލްގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" ގެނެސްދިން ސުޕަ ވަރުމާގެ އުފެއްދުމެކެވެ.

މި ފިލްމަކީ އިންޑިއާގެ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ "ޝާހް ބާނޯ" ނަމަކަށް ކިޔާ އަންހެނެއްގެ ވަރީގެ މައްސަލައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެއީ، މީގެ 40 އަހަރު ކުރިން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އިންޑިއާގެ ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަށް ލިބުނު ކޯޓު މައްސަލައެކެވެ.

ފިލްމު "ހަޤް"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ފިލްމުގެ ލީޑް ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބަތަލާ ޔާމީ ފިލްމުގައި ފެންނާނީ ތިން ފަށް ވަރީގެ މައްސަލައެއްގައި 1985 ވަނަ އަހަރު އެ މައްސަލަ ކޯޓަށް ވެއްދި ޝާހް ބާނޯގެ ރޯލުންނެވެ. ފިލްމުގައި އިމްރާން ފެންނާނީ އޭނާގެ ފިރިމީހާ އަދި ވަކީލެއްގެ ރޯލުންނެވެ.

މި ފިލްމުގެ ޓީޒާ އާއްމު ކުރުމާ އެކު ޝާހް ބާނޯގެ އާއިލާއިން ވަނީ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނި ޖަންގްލީ ޕިކްޗާސްއާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

ޝާހް ބާނޯގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށްވާ ސިއްދީޤާ އަހުމަދު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ ފިލްމު އުފައްދާފައިވަނީ އާއިލާގެ ހުއްދަ ނުހޯދާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅިގެން މިހާތަނަށް ޕްރޮޑަކްޝަން ޓީމުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ގިނަ ބަޔަކު ވަނީ އިމްރާން އާއި ގޯތަމް ފިލްމުގައި ކުޅުނު ކެރެކްޓާތަކަށް އިންސާފުކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި މިއީ އިންޑިއާގެ މުސްލިމުން ދިރިއުޅޭމުޖްތަމައުގެ ކޮންމެ މީހަކު ވެސް ބަލާލުން މުހިއްމު ފިލްމެއް ކަމަށެވެ.

comment ކޮމެންޓް