މި އަހަރުގެ މާރިޗު މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "ނާދާނިޔާ"އިން އެކްޓިންގް ކެރިއަރު ފެށި އިބްރާހިމް އެ ފިލްމާ ދޭތެރޭ އެހާ ހިތްހަމަނުޖެހޭ ކަމަށް ބުނެފިއެވެ.
އެސްކުއަ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އިބްރާހިމް ބުނީ، ފިލްމީ ކެރިއަރުގެ ފުރަތަމަ ޕްރޮޖެކްޓް "ނާދާނިޔާ"އަށް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބޭ ކަމަށާއި އެ ފިލްމުގެ ތަޖުރިބާއަށް ބެލުމަށް ފަހު ކުރިމަގުގައި ކުޅޭ ފިލްމުތަކުގެ ޕާފޮމެންސް އިތުރަށް ރަނގަޅު ކުރާނެ ކަމަށެވެ.
އިބްރާހިމް ބުނީ، ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ މަސައްކަތް ވަރަށް ކުރިން ފަށައިފި ކަމަށާއި އެކަމަށް ވަރަށް ބުރަކޮށް އޭނާ މަސައްކަތްކުރި ކަމަށެވެ. ބައެއް މީހުން ދެކޭގޮތުގައި އޭނާ އަކީ ފިލްމީ ދެމަފިރިއަކަށް ލިބިފައިވާ ކުއްޖަކަށްވެފައި އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލުމަކީ އިބްރާހީމަށް ފަސޭހަކަމެކެވެ.

އިބްރާހީމް އާއި ބަތަލާ ޚުޝީ ކަޕޫރު ފިލްމު "ނާދާނިޔާން"ގެ މަންޒަރެއްގައި--ފޮޓޯ/ނެޓްފްލިކްސް
އެހެންނަމަވެސް، އެއީ ހަގީގަތެއް އެކުލެވޭ ވިސްނުމެއް ނޫން ކަމަށް ކުރީގެ ބަތަލާ އަމްރީތާ ސިންގް އަދި އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ވަނީ ބުނެފައެވެ.
ފިލްމު "ނާދާނިޔާން"އަކީ ވަރަށް އަވަސް އަރުވާލައިގެން ރިލީޒްކުރެވުނު ފިލްމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އިބްރާހިމް ބުނުމާ ގުޅިގެން އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ހިތްހަމަނުޖެހުނު ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
ނަމަވެސް، އެކަމާ ގުޅޭގޮތުން ކަރަންގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިބްރާހިމް ކޮއްކޮ ސާރާ އަލީ ޚާން އަދި މަންމަ އަމްރީތާ ސިންގްއާ އެކު--ފޮޓޯ/އެންޑީޓީވީ
އުމުރުން އެންމެ 21 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުތް ކަމަށް ބުނަމުން އިބްރާހިމްގެ އެހެނިހެން އެކުވެރިން އިންޑަސްޓްރީއާ ގުޅުނީ އުމުރުން 26،27 އަދި 28 އަހަރުގައި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންވެ، އޭރު އެހާ ބޮޑަށް ފިލްމީ މަސައްކަތްތަކުގެ ތަޖުރިބާ ވެސް ލިބިފައިނުވާ ކަމަށް އުމުރުން މިހާރު 24 އަހަރުގެ އިބްރާހިމް ވަނީ ބުނެފައެވެ.
ފުރަތަމަ ރިލީޒް ކުރިތާ ހަތަރު ވަރަކަށް މަސްފަހުން ރިލީޒްވި އިބްރާހީމްގެ ފިލްމު "ސަރުޒަމީން"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ބޮކްސް އޮފީހުގައި ފިލްމަށް މާބޮޑު ކާމިޔާބީއެއް ނުހޯދުނު ނަމަވެސް އިބްރާހިމް އެ ފިލްމުގައި ދެއްކި ޕާފޮމެންސަށް ބެލުންތެރިންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
އިބްރާހީމް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފިލްމު "ޖަންނަތު"ގެ ޑައިރެކްޓަރު ކުނާލު ދޭޝްމުކްގެ ކުޅިވަރު ޑްރާމާ ފިލްމު "ދިލާ"އިންނެވެ. ރަސްމީކޮށް އިއުލާނު ނުކުރާ މި ފިލްމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.