އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ތަރިން ކަމަށްވާ ޖެއި ބަނޫޝާލީއާއި މާހީ ވިޖްގެ 14 އަހަރުވީ ކައިވެނި ރޫޅާލާފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
އިންޑިއާގެ ޚަބަރުތައް ގެނެސްދޭ 'ދަ އިންޑިއަން އެކްސްޕްރެސް'ގައި ބުނެފައިވާ ގޮތުން ޖެއިއާއި މާހީ ވަނީ ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނަގާފައެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ޖެއިއާއި މާހީގެ ވަރީގެ މައްސަލަ ނިމި ގާނޫނީ ގޮތުން ނިންމަންޖެހޭ ކަންކަން ވެސް މިހާރު ވަނީ ނިމިފައެވެ. އެގޮތުން, މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހު ތެރޭ ވަރީގެ ލިޔެކިޔުންތަކުގައި ދެ ތަރިން ސޮއިކޮށް ނިމިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޖެއި އާއި މާހީ ދެ މީހުންގެ ކުދިންނާ އެކު--ފޮޓޯ/ޒޫމް
'ހިންދުންސްތާން ޓައިމްސް'ގައި ބުނެފައިވާ ގޮތުން ޖެއިއާއި މާހީއާ ދެމެދު މައްސަލަތަކެއް އުފެދެން ފެށީ ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރެވި އެކަމާ ގުޅިގެން ދެބަސްވުންތައް އިތުރުވާން ފެށުމުންނެވެ. ދެ މީހުންގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން ދެ ކުދިންނަކީ އެޑޮޕްޓްކޮށްގެން ބަލަމުން އަންނަ ދެ ކުދިންނެވެ.
ޖެއިއާއި މާހީ ވަކިވިއިރު ކުދިން ވަނީ މާހީ ގާތުގައި ބެހެއްޓުމަށް ނިންމާފައެވެ. ނަމަވެސް, ކުދިންގެ ކަންކަމުގައި ދެ މީހުން އަބަދު ވެސް އެކަކު އަނެކަކަށް އެހީތެރިވާނެ ކަމަށް ދެ ތަރިންގެ ރަހުމަތްތެރިންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
ޖެއިއާއި މާހީ ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2011 ވަނަ އަހަރެވެ.