އެއާޕޯޓުން ފޭރުނު ޑޮލަރުތައް ހޯދަން ހުރާގައި އޮޕަރޭޝަނެއް ހިންގަނީ

ކ. ހުރާ --- ފޮޓޯ: ބުކިންގ.ކޮމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ލައްކައެއްހާ ޑޮލަރު ފޭރިގަތް މައްސަލައާ ގުޅިގެން ފުލުހުން ކ. ހުރާގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު, ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން އިއްޔެ ވަނީ މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރިކަން ހާމަ ކޮށްފައެވެ. ޓެކްސީއެއްގައި އެ މީހުން އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓްކޭސްތައް ފޭރިގަނެގެން ފިލާފައި ވަނީ ލޯންޗެއްގައެވެ.

ހުރައިން "ސަން" އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރަކުން ބުނިގޮތުގައި ފޭރުނު މީހުން ފިލަން ލޯންޗުގައި އައީ އެ ރަށަށް ކަމަށް ބެލެވޭ ކަމަށެވެ. އެ ރަށުގެ ބަނދަރުގައި އަޅާފައި އޮށްވައި ފުލުހުން އެ ލޯންޗު ހިފަހައްޓާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެ ރަށުގައި ދިރިއުޅޭ މީހަކު "ސަން" އަށް މައުލޫމާތުދިން ގޮތުގައި އެ ރަށު ގެސްޓުހައުސްއެއްގެ ވެރިއަކު ވަނީ އެ ތަނަށް އިއްޔެ އައި ބަޔަކު ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގެންގުޅޭ މަންޒަރު އެތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށް ބުނެފައެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނިގޮތުގައި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރުމަށް އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅިގެން އަދި ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. އެކަމާ ގުޅިގެން "ސަން" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އިއްޔެ އެއާޕޯޓްގައި ހިންގި ވައްކަމުގެ މައްސަލައިގެ އިތުރު އެއްވެސް އަދާހަމައެއް އަދި މިވަގުތަށް ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިފަދައިން ޖަވާބުދީފައިވާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެ ފަތިހު އެއާޕޯޓުން ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، ފިލަން ބޭނުންކުރި ލޯންޗު، ހަމަ އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ހިފަހައްޓާފައެވެ. ވައްކަން ހިންގާފައިވަނީ އިއްޔެ ފަތިހު 4:45 އެހާކަށްހާއިރުގައެވެ.

އެއާޕޯޓްގައި ޑޮލަރު ގަތުމަށް ބީއެމްއެލްއިން ގާއިމްކޮށްފައިވާ ކައުންޓަރު ދޮށުގައި ފުރަން ދިޔަ ބަޔަކު މަޑުކޮށްލައިގެން --- ފައިލް ފޮޓޯ

މި މައްްސަލައިގައި އިއްޔެ ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަދިވެސް އެމީހުންގެ ވަނަވަރު އާންމުކޮށްފައި ވެސް ނުވެއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެއީ ފުރާ މީހުންނަށް ދޫކުރާށާއި ފައިސާ މާރުކުރަން ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރަށް ގެންދިޔަ ފައިސާއެވެ.

"ގާތްގަނޑަކަށް ލައްކައެއްހާ ޑޮލަރު އެއީ. އިތުރު ކަރަންސީ ވެސް ހުންނާނެ، ޔޫރޯ ވެސް،" މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން ނަން ނުޖަހަން ޝަރުތުކޮށް އިއްޔެ ކިޔައިދިނެވެ.

އެކަމަކު، ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެއެވެ.

އެ ހާދިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއާ ސުވާލުކުރުމުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއޭސީއެލުން ވަނީ އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އާ ޑިޕާޓްމަންޓެއް ގާއިމުކޮށްފައެވެ. އެ ތަން އުފެއްދީ ޕާކިން ސަރަހައްދުތަކާއި، ޖެޓީ ސަރަހައްދުތަކާއި، ޓެކްސީ ކިއުތަކުގެ އިތުރުން ކުންފުނީގެ އެސެޓްތަކާއި ހުޅުލޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާށެވެ.

https://sun.mv/213226

މިހާރު ވެސް އެއާޕޯޓު ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވެސް ލިބެއެވެ.

comment ކޮމެންޓް