އަލިން މަސައްކަތްކުރާ އޭއައި ޗިޕެއް ޗައިނާއިން އުފައްދައިފިއެވެ.
ޗައިނާގެ ސިންހުއާ ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން، އުފައްދާފައިވާ މި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕަކީ އަދި މިހާތަނަށް އަލީގެ ހަކަތައިން މަސައްކަތްކުރާ މިފަދަ ފުރަތަމަ އުފެއްދުމެވެ.
"އޯ.އެފް.އީ²"ގެ ނަމުން ނަންދީފައިވާ މި ޗިޕަކީ މިހާތަނަށް އުފެދިފައިވާ އެންމެ ބާރުގަދަ އޮޕްޓިކަލް ޕްރޮސެސަރެވެ. މި ޗިޕުގެ ސްޕީޑު 12.5 ގިގާހާރޓްޒް އަށް އަރާއިރު، ކޮމްޕިއުޓޭޝަނެއް ނިންމުމަށް ނަގަނީ އެންމެ 250.5 ޕިކޯސެކަންޑެވެ.
މި އީޖާދަކީ މިހާރުގެ އޭއައި ސިސްޓަމްތަކުން ހަކަތަ ބޭނުންކުރާ މިންވަރު ބޮޑުވުމުގެ މައްސަލައަށް ލިބިގެންދާނެ ހައްލެއް ކަމަށް ސައިންސްވެރިން ދެކެއެވެ. އެއީ އާދައިގެ އިލެކްޓްރޯނިކް ޗިޕުތަކާ އަޅާބަލާއިރު، މި ޗިޕު މާ ބާރުގަދަވެފައި އަދި ހަކަތަ ބޭނުންކުރާ މިންވަރު މާ މަދުވުމެވެ.
މި ޗިޕު މަސައްކަތްކުރުމަށް އިލެކްޓްރޯނިކް ސިގްނަލްތަކުގެ ބަދަލުގައި ބޭނުންކުރަނީ އަލިކަމުގެ ދޯދިތައް ފޮނުވާ ފޮޓޯނިކް ސާކިޓްތަކެކެވެ. މިގޮތަށް ޑޭޓާ ޕްރޮސެސްކުރުމުގެ ސަބަބުން، އެއްފަހަރާ ގިނަ މަސައްކަތްތަކެއް (ޕެރަލަލް ޕްރޮސެސިން) ކުރިއަށް ގެންދެވި، އާދަޔާޚިލާފު ބާރު ސްޕީޑެއް ލިބެއެވެ.
މި އާ ޓެކްނޮލޮޖީގެ ސަބަބުން، މެޑިކަލް އިމޭޖިން، ފައިނޭންސް، އަދި އާންމު އޭއައި ފަދަ އެތައް ދާއިރާއަކަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. މިސާލަކަށް، މެޑިކަލް ސްކޭންތަކުން ބަލިތައް ދެނެގަތުމަށް ބޭނުންވާ މުހިންމު ތަފްސީލުތައް ފަސޭހައިން ވަކިކުރެވޭނެއެވެ. އަދި ފައިނޭންސްގެ ދާއިރާގައި، ވިޔަފާރީގެ ނިންމުންތައް މައިކްރޯސެކަންޑްތަކެއްގެ ތެރޭގައި ނިންމުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
މީގެ އިތުރުން، ފޮޓޯ ދެނެގަތުމާއި ބަސްތައް ތަރުޖަމާކުރުން ފަދަ އާންމު އޭއައިގެ މަސައްކަތްތައްވެސް އަވަސްވެ، ހަކަތަ ބޭނުންކުރާ މިންވަރު ދަށްވާނެއެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި، މިފަދަ އޮޕްޓިކަލް ޓެކްނޮލޮޖީއަކީ، ވަގުތުން މަސައްކަތްކުރާ އަދި މަދު ހަކަތައަކުން އޭ
އައި ހިންގޭނެ އާ ޖީލެއްގެ ފެށުމެކެވެ. މި ދިރާސާގެ ތަފްސީލުތައް ވަނީ މަޝްހޫރު ސައިންޓިފިކް ޖާނަލް "އެޑްވާންސްޑް ފޮޓޯނިކްސް ނެކްސަސް" ގައި ޝާއިއުކޮށްފައެވެ.