ޓެލެވިޒަން ބަތަލާ އުރްވަޝީ ޗުއްޓީއަށް ރާއްޖެއަށް

ބަތަލާ އުރުވަޝީ ރާއްޖެ އައުމަށްފަހު ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

ކޮމިލިކާގެ ނަމުން މަޝްހޫރުކަން ހޯދި އިންޑިއާގެ ޓެލެވިޒަން ބަތަލާ އުރްވަޝީ ދޮލާކިއާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

އުރްވަޝީގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ދޭހަވާ ގޮތުގައި ބަތަލާ ރާއްޖެއަށް އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ.އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ވައްކަރު މޯލްޑިވްސްގައެވެ.

އެ ރިސޯޓުގެ ވިލާގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން އުރުވަޝީ ބުނީ، ރާއްޖޭގެ ހިތްގައިމު މާހައުލުން ފެންނަ ގުދުރަތީ ހުރިހާ މަންޒަރަކީ ވެސް ހުރިހާ ގޮތަކުން ވެސް ފުރިހަމަކަން ލިބިފައިވާ މާހައުލެއް ކަމަށެވެ.

ޓެލެވިޒަން ބަތަލާ އުރްވަޝީ ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް

މީގެކުރިންވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އުރުވަޝީ އެންމެފަހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައި ވަނީ 2019 ވަނަ އަހަރުއެވެ. ޓީވީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"އިން ހޯދި މަޝްހޫރުކަމާ އެކު އުރުވަޝީ ވަނީ އޭގެފަހުން ވެސް ޓީވީ ޑްރާމާތަކުން ފެނިފައެވެ.

ހަމައެއާއެކު ބައެއް ފިލްމުތަކުގައި ވެސް ބަތަލާ ވަނީ މަސައްކަތްކޮށްފައެވެ. އުރުވަޝީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވާ ޓެލެވިޒަން ސީރީސް އަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް އިގްބާލް ރިޒްވީ ގެނެސްދިން "ޕަވަ އޮފް ޕާންޗް" ކިޔާ ސީރީސްއަކުންނެވެ.

މިހާތަނަށް ވަރަށް މަދު ފިލްމެއްގައި މަސައްކަތްކޮށްފައިވާ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2006 ވަނަ އަހަރު "ސްވާޕްނާމް"ގެ ނަމުގައި ރިލީޒްކުރި ފިލްމެކެވެ.

މީގެއިތުރުން އުރުވަޝީ ވަނީ ކަލަސްއިން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ހަ ވަނަ ސީޒަންގައި ވެސް ބައިވެރިވެ އެ ސީޒަން ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް