ޖާންވީގެ ފިލްމު 'ޕެއްޑީ'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ބަތަލާ ޖާންވީ ކަޕޫރު އަދި ސައުތު އެކްޓަރު ރާމް ޗަރަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަންއާ އެކު ބޮލީވުޑްގެ ބަތަލާ ޖާޏްވީ ކަޕޫރު ފުރަތަމަ ފަހަރަށް ފެންނަ ފިލްމު "ޕެއްޑީ"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

ފިލްމުގައި ޖާންވީ ކުޅޭ ކެރެކްޓާ ބެލުންތެރިންނަށް ދައްކާލިއިރު ބަތަލާ ފެންނާނީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ރޯލްއިން ކަމަށް ބެލެވޭ ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. ސްޕޯޓްސް އެކްޝަން ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ޕެއްޑީ"ގައި ޖާންވީ ކުޅެނީ 'އަޗިޔައްމާ' ކިޔާ ކެރެކްޓާއެކެވެ.

ފިލްމު "ޕެއްޑީ"އަކީ ސައުތު ސިނަމާގެ އެކްޓަރަކާ އެކު ޖާންވީ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރުއާ އެކު ކުޅުނު ފިލްމު "ދޭވްރާ: ޕާޓް 1"އެވެ. އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނުއިރު ޖާންވީ ފިލްމުގައި ދެއްކި ޕާފޮމެންސަށް ވެސް ގިނަ ބަޔަކު ތައުރީފުކުރިއެވެ.

ފިލްމު "ހޯމްބައުންޑް"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

މިފަހުން ބޮލީވުޑަށް ތައާރަފްވި ޒުވާން ބަތަލާއިންގެތެރެއިން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ޖާންވީ ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، ސައުތު ސިނަމާގެ ފިލްމުތަކުގައި މަސައްކަތް ކުރުމަކީ އަބަދުވެސް ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ.

ހާއްސަކޮށް ޖާންވީގެ މަންމަ އަދި ކުރިގެ ބަތަލާ ސްރީދޭވީ އަކީ ސައުތު ސިނަމާއަށް ނިސްބަތްވާ ބަތަލާއެއް ކަމުން އެއީ ވަރަށް ހާއްސަ ސިނަމާއެއް ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ ފިލްމުތަކުގައި މަސައްކަތް ކުރަން ލިބޭ ފުރުސަތުތަކާ އެކު އަބަދުވެސް މަންމަ ސްރީދޭވީއާ ވަރަށް ގާތުގައި ހުރެވޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ސައުތު ފިލްމުތަކުން ލިބޭ ފުރުސަތުތައް ދޫކޮށްނުލާނެ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ބުޗީ ބާބޫ ސާނާ ޑައިރެކްޓްކޮށް ގެނެސްދޭ "ޕެއްޑީ" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ 27ގައެވެ. ޖާންވީ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމުތަކުގެ ތެރޭ އިންޑިއާއިން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްކޮށްފައިވާ ފިލްމު "ހޯމްބައުންޑް" އަދި މިދިޔަ މަހު ރިލީޒްކުރި ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ހިމެނެއެވެ.

comment ކޮމެންޓް