ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭ އާއި ކާތިކް އާރިއަން އެކީގައި ކުޅޭ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ރިލީޒްކުރުން އަވަސްކޮށް ފިލްމުގެ އާ ޕޯސްޓަރެއް ވެސް ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ކާތިކް އާއި އާރިއަން ލީޑް ރޯލް ކުޅޭ މި ރޮމޭންޓިކް ކޮމެޑީ އަކީ ދަރުމާ ޕްރޮޑަކްޝަންއިން ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ސަމީރު ސަންޖޭ ވިދުވާން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.
ސަމީރު ސަންޖޭ އަކީ 2023ގައި ގެނެސްދިން ކާތިކްގެ ފިލްމު "ސަތިއަޕްރޭމް ކީ ކަތާ"ގެ ވެސް ޑައިރެކްޓަރެވެ. މި ފިލްމު މީގެކުރިން ރިލީޒްކުރަން ނިންމީ އަންނަ މަހުގެ 31ގައެވެ.
ނަމަވެސް ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ބެލުންތެރިންނަށް ދޫކޮށްލުން އަވަސްކޮށް ރިލީޒްކުރާނެ ތާރީޚެއްގެ ގޮތުގައި ފަހުން އިއުލާނުކޮށްފައި ވަނީ އަންނަ މަހުގެ 25ގައެވެ.

ބަތަލާ އަނަނިޔާ އަދި ކާތިކް ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"ގެ ސެޓުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ 2019 ވަނަ އަހަރު ކާތިކް އާއި އަނަނިޔާ އެކީގައި ފެނުނު "ޕަތީ ޕަތުނީ އޯރު ވޯ"އަށް ފަހު ދެ ތަރިން އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.
ދަރުމާގެ ފިލްމުތަކުން ކެރިއަރު ފެށި އަނަނިޔާ އަކީ މިހާރުވެސް އެ ސްޓޫޑިއޯގެ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. ނަމަވެސް މިއީ ކާތިކް އެ ޕްރޮޑަކްޝަންއަށް ކުޅެދޭ ފުރަތަމަ ފިލްމެވެ.
އިންޑިއާގެ އިތުރުން ޔޫރަޕްގެ އެކި ޤައުމުތަކުގައި ޝޫޓިންގް ކުރިއަށް ގެންގޮސްފައިވާ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.