ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފަށާ ސަރަހައްދުގެ ފަޅުން އުޅަނދުތައް ނެގުމަށް، މާދަމާގެ ނިޔަލަށް އެޗްޑީސީން މުހުލަތު ދީފިއެވެ.
ހުޅުމާލޭގައި ބިން ހިއްކަމުންގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީން ވަނީ އަންގައިފައެވެ. އަދި އެ އުޅަނދުތައް ނަގަންވީ ސަރަހައްދުގެ ޗާޓެއް ވެސް އާންމުކޮށްފައިވެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ހިއްކާ ސަރަހައްދު: އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް ވަނީ އެދިފައި -- ފޮޓޯ/ އެޗްޑީސީ
ބިން ހިއްކުމުގެ މަސައްކަތްތައް ނިމެންދެން، އެ ސަރަހައްދުގައި އަޅައިފައި އޮތް އުޅަނދުތައް ބަދަލުކުރަން ދީފައިވާ ސަރަހައްދުތަކަކީ:
1. ސަފާރީ އެޅުމަށް:
ކ. ގުޅީފަޅާއި ކ. ކުޑަގިރި އަދި ކ. ތިލަފުށީގެ ފަޅުތެރެއިން ސަރަހައްދުތަކެއް
2. ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް:
ކ. ގުޅީފަޅާއި ކ. ތިލަފުށި ފަޅުތެރެއިން ސަރަހައްދުތަކެއް
ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، އެ ބިން ބޭނުންކުރަން ކުރީ ސަރުކާރުން ރާވައިފައި ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. އެ ވެރިކަމުގައި އެ ސަރަހައްދުން ބައެއް ހިއްކިއެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ ކުރިން އެޗްޑީސީން ވަނީ، ބިން ހިއްކުން މަޑުޖެހުނީ މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް އައުމާއެކު ކޮންޓްރެކްޓަރާއެކު އިތުރު މަޝްވަރާތަކެއް ކުރާތީ ކަމަށް ބުނެފައެވެ.