އިގުތިސާދަށް މުހިންމު ކަމަށް ބުނެ ކޮމިޓީން އިއްޔެ ފާސްކުރި އެސްއީޒެޑް ބިލް، މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އިގުތިސާދަށް މުހިންމު ކަމަށް ބުނެ ކޮމިޓީން އިއްޔެ ފާސްކުރި އެސްއީޒެޑް ބިލް، މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އެސްއީޒެޑު ގާނޫނަށް ހުށަހެޅި އިސްލާހު, ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އެސްއީޒެޑް ގާނޫނަށް މިދިޔަ މަހުގެ 20ގައި ހުށަހެޅުއްވީ "ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ތަފުސީލުތައް ހިމަނައި، ގާނޫނަށް ބާބެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރާނަމަ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެއެވެ.

އެ ބިލު ދިރާސާކުރުމަށް އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި، ބިލު ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އާންމުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި ބިލު ދިރާސާކުރުމަށްފަހު ފާސްކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.

https://sun.mv/213503

އެހެންނަމަވެސް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން އެ ބިލު ވީ އެންމެ އަވަހަށް ފާސްކުރުން މުހިންމު ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތްކުރަނީ ގައުމަށް މަންފާހުރި ކަންކަން ލަސްކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެއަށްފަހު، ޕީއެންސީގެ 55 މެންބަރުންގެ ވޯޓުން، މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކުރިއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުންނެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: ކޮމިޓީގައި ފަލާހު ވަނީ، ބިލް ވީ އެންމެ އަވަހަކަށް ފާސްކުރަން ޖެހޭ ކަމަށް -- ފޮޓޯ/ މަޖިލީސް

އެ ބިލުގެ މަސައްކަތް ނިމުމުން، ކޮމިޓީ ރިޕޯޓު މިއަދު ތަޅުމަށް ހުށަހެޅިއެވެ. އެ ބިލް ފާސްކުރަން 46 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ.

އެ ބިލުގައިވަނީ، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ލާޖް ސްކޭލް ރިއަލް އެސްޓޭޓެއް އެ ޒޯނުގައި ތަރައްގީކުރަން ޖެހޭކަމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމުރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެ ތަނުގައި ތަރައްގީކުރަން ޖެހޭކަން ބަޔާންކޮށްފައެވެ.

ހަމަ އެހެންމެ ސަސްޓެއިނެބަލް ޓައުންޝިޕެއް ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓު އިއާދަކުރުވަނިވި ހަކަތައަށް ވާން ޖެހޭނެ ކަމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގައިވެއެވެ.

އަދި، "ސަސްޓެއިނެބަލް ޓައުންޝިޕެއް" ތަރައްގީކުރާ އިންވެސްޓަރުންނަށް އިނާޔަތްތައް ލިބޭނެ ގޮތާއި ޓެކުހުގެ ގޮތުގައި ސަރުކާރުން ނަގާނެ އަދަދު ވެސް މި ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް