މަޝްހޫރު ޑިޓިއުން ބޭންޑުން ވޮށްމުލި ރިސޯޓުގައި މިއުޒިކް ކުޅެދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރިސޯޓުގައި މިއުޒިކް ކުޅެދިނުމަށް ތައްޔާރުވެފައި ވަނިކޮށް، އެ އެއްބަސްވުން ބާތިލުކުރުމުން ދޭން ޖެހޭ 29،000 ޑޮލަރުގެ މައްސަލަ ހައިކޯޓުގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
އެއީ 2022 ވަނަ އަހަރުގެ އައު އަހަރާއި، ކްރިސްމަސް އަދި ރަޝިއަން އޯތޮޑޮކްސް ފެސްޓިވަލްގައި ވިޔަފާރީގެ އުސޫލުން ޑިޓިއުން ބޭންޑުން ވޮށްމުލި ރިސޯޓުގައި މިއުޒިކް ކުޅެދިނުމާ ގުޅިގެން ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލައިގެ އިސްތިއުނާފެވެ.
ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ވޮށްމުލި ރިސޯޓުން ވަނީ އެ ބޭންޑުން މިއުޒިކު ކުޅުމަށް ތައްޔާރުވެފައި ވަނިކޮށް، އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމަށް ނިންމައި، އެއްބަސްވުން ބާތިލުކޮށްފައެވެ. އެކަމުގައި ޑިޓިއުން ބޭންޑުން ވަނީ އެ އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ ޚަރަދު ނަގައިދިނުމަށް އެދިފައެވެ.
މި މައްސަލަ ހައިކޯޓުގައި ފެށުމަށް ކުރިން ތާވަލު ކުރިނަމަވެސް، އެ ދުވަހު މައްސަލަ ކެންސަލްވީއެވެ. މިހާރު އޮތީ މާދަމާގެ ހެނދުނަށް މައްސަލައިގެ އަޑު އެހުން ތާވަލުކޮށްފައެވެ.
ޑިޓިއުން ބޭންޑަށް، 29،000 ޑޮލަރު ދައްކަން، ރެސިޑެންސީ ރިސޯޓްސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ 29،000 ޑޮލަރު ނުވަތަ 447،180 ރުފިޔާ ސެއިންޓް ރޭޖިސް އިން ޑިޓިއުން ބޭންޑަށް ދައްކަން ޖެހޭ ކަމަށެވެ. އެއީ ސީދާ ގެއްލުމުގެ ބަދަލުގައި 25،000 ޑޮލަރު އަދި ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ދިޔަ 4،000 ޑޮލަރެވެ. އެކަމަކު މި ހުކުމް ތަންފީޒު ކުރުން ހައިކޯޓުން އޮތީ މީގެ އަހަރެއް ކުރިން ހުއްޓުވައިފައެވެ.
ހައިކޯޓުން އެ ފައިސާ ނަގައިދިނުން ހުއްޓުވީ، އެ މައްސަލަ ރިސޯޓު ހިންގާ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ހައިކޯޓުން މި މައްސަލައިގައި ނެރުނު އަމުރަކުން ފައިސާ ނަގައިދިނުން ހުއްޓުވާފައިވާއިރު، އެ އަމުރަށް ރިއާޔަތްކޮށް ސިވިލް ކޯޓުން އޮތީ މި މައްސަލައިގެ ތަންފީޒީ މައްސަލަ ވެސް ބާތިލުކޮށްފައެވެ. އެއީ ވެސް މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
މި މައްސަލައިގައި ޑިޓިއުން ބޭންޑުން އެންމެ ކުރިން އެދިފައި ވަނީ ރިސޯޓު ހިންގާ ކުންފުނިން 104،000 ޑޮލަރު ނަގައިދިނުމަށެވެ. އެއީ ބޭންޑަށް ލިބުނު ސީދާ ގެއްލުމަށް 50،000 ޑޮލަރު އަދި ނުސީދާ ގެއްލުމަށް ވެސް 50،000 ޑޮލަރެވެ. އޭގެ އިތުރުން ޝަރިއަތުގެ ޚަރަދުގެ ގޮތުގައި 4،000 ޑޮލަރެވެ.
ބޭންޑްގެ ފަރާތުން މި މައްސަލައިގައި ދައުވާ ކުރީ ބޭންޑްގެ ލީޑް އެއް މެންބަރު ކަމަށްވާ ފާތިމަތު ފެޒްލީންއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، 14 ދުވަހުގެ ތެރޭގައި 29،000 ޑޮލަރު ދައްކާށެވެ.