އައްޑޫ ކަރަންޓު މައްސަލަ މަހެއްހާ ދުވަހުގެ ތެރޭ ދާއިމަށް ހައްލުވާނެކަމުގެ ޔަގީންކަން ފެނަކައިންވަނީ ދީފައި: އަޒާން

ރައީސްގެ އަރިހުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން (ވ): ވިދާޅުވީ ކަރަންޓު މައްސަލަ މަހެއްހާ ދުވަހުން ހައްލުވާނެ ކަމަށް ފެނަކައިން ބުނި ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ ލިބޭނެ ކަމަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫޤު މިރޭ ވިދާޅުވެއްޖެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ފުވައްމުލަކާއި އައްޑުއަށް އިއްޔެއާއި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ މައި އަވަށް ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ކަރަންޓު މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމަށެވެ.

"އަޅުގަނޑު ޝައްކެއް ނުކުރަން، މި ދައުރުގެ ތެރޭގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމާ މެދު،" އަޒާން ވިދާޅުވިއެވެ.

އަޒާން ދެއްކެވި ވާހަކައަށް ބާރުދެއްވައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ، މި ސަރުކާރުން އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރާނެ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައްޑުއަށް އަށް ޖެންސެޓް ގެންދިޔަ ނަމަވެސް، މުޅިން ހިތްހަމަޖެހޭ ހައްލެއް އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ނުލިބޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުޅި އައްޑޫން ގާތްގަނޑަކަށް 16 މެގަވޮޓްގެ ކަރަންޓު ބޭނުންކުރަންޖެހެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަކިން ކަރަންޓު ފޯރުކޮށްދޭން ޖެހޭނެތީ، އެފަދަ ކަންކަމަށް ބަލައި އައްޑޫގެ ކަރަންޓު މައްސަލަ ވަށައިޖެހޭ ގޮތަކަށް ހައްލުވާން ޖެހެއެވެ.

އެހެންކަމުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އައްޑޫގައި ގާއިމްކުރުމަށް ބިޔަ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދަނީ ފަންނީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވިދާޅުވެ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތް ބަޔަކާ ހަވާލުކޮށް ޖަނަރޭޓަރުތަކާއި އިންޖީނުގެތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް