ދިވެހިން އުފައްދާ ދިވެހިވަންތަ އުފެއްދުންތައް މިއަދު މި ގައުމުން ލިބެން ނެތް ކަމަށާއި، އެންމެ ކުޑަމިނުން ދުފާލަން ބޭނުންކުރާ ބިލެތްފަތެއް ވެސް ގެންނަން ޖެހެނީ އަވައްޓެރި ގައުމުތަކުން ކަމަށް ވިދާޅުވެ، ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ކުރަމުން އަންނަ، ދިވެހިންގެ ލެޔާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. ގައުމެއްގެ ގޮތުގައި ކުރިއަރައި ދިއުމަށް ޓަކައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ރައްޔިތުން އުފައްދާ އަމިއްލަވަންތަ އުފެއްދުންތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ގައުމު ކުރިއަރައި ދާން އެދޭނަމަ ބޭރު ގައުމުތަކަށް ބަރޯސާވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރާއްޖޭގެ އަމިއްލަ އުފެއްދުންތަކަށް އިސްކަންދީ، އެފަދަ އުފެއްދުންތައް އިތުރުކޮށް އާލާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ގާނޫނުގައި ވެސް ކަނޑުގެ ވަސީލަތްތަކުން ތަފާތު އުފެއްދުންތައް ހޯދައި ކުރިއަށްދާނެ ގޮތްތައް ބަޔާންވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ސީފުޑް ފަދަ ބާވަތްތައް ބޭރުން އެތެރެކުރުމުގެ ބަދަލުގައި، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުން އެ ވަސީލަތްތައް ހޯދައިގެން އަމިއްލަ އުފެއްދުންތަކުގެ ގޮތުގައި ބޭނުންކުރެވެން އެބަހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަމިއްލަ އުފެއްދުންތަކަށް އިސްކަންދޭނަމަ އެހެން ގައުމުތަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައިވާ މިންވަރު ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ މިއަދު ދަނޑުވެރިކަމަށް ބެލިނަމަވެސް، ދުފާލަން އަނގަޔަށްލާން ބޭނުންވާ ބިލެތްކޮޅު ވެސް އެތެރެ ކުރަނީ އަވައްޓެރި ގައުމުތަކުން ކަމަށެވެ.
"އަމިއްލަ އުފެއްދުންތައް އުފައްދަން އިސްކަން ދޭންޖެހޭ. މިއަދު އަޅުގަނޑުމެންގެ ދަނޑުވެރިކަމަށް ބެލިނަމަވެސް، އަޅުގަނޑުމެން ދުފާލަން އަނގަޔަށްލާން ބޭނުންވާ ބިލެތްކޮޅު ވެސް މި އެތެރެ ކުރަނީ އަވައްޓެރި ގައުމުތަކުން. މިއީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައި ހުރި މިންވަރު," މެމްބަރު ޝަރީފް ވިދާޅުވިއެވެ.
މެންބަރު ޝަރީފް ވިދާޅުވީ މަސްވެރިކަމުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިފަދަ ކަންކަން ބަދަލުކޮށް، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.