ޔަޝްގެ ފިލްމު 'ޓޮކްސިކް' ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި

ފިލްމު "ޓޮކްސިކް"ގެ ލީޑް އެކްޓަރު ޔަޝް--ފޮޓޯ/އެންޑީޓީވީ

ކަންނާޑާ އެކްޓަރު ޔަޝްގެ އާ ފިލްމު ޓޮކްސިކް ރިލީޒްކުރާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ. މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ކޭވީއެން ޕްރޮޑަކްޝަންސްއިން މި ފިލްމު ނެރުން ފަސްކުރިކަން އިއުލާނުކޮށްފައިވާއިރު، އަލުން ފިލްމު ނެރޭނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. މިއީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ބޮޑު ބަޖެޓެއްގެ ފިލްމެކެވެ.

  • ޔަޝްގެ ފިލްމު ޓޮކްސިކް ސިނަމާތަކަށް ނެރުން އަނެއްކާވެސް ފަސްކުރުން.
  • ފިލްމު ފަސްކުރީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ކޭވީއެން ޕްރޮޑަކްޝަންސްއިން ބުނުން.
  • އަލުން ފިލްމު ނެރޭނެ ވަކި ތާރީޚެއް އިއުލާނުކޮށްފައި ނުވުމުން ފޭނުންނަށް މާޔޫސްކަން ލިބުން.
  • މިއީ 600 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާ، ދެކުނު އިންޑިއާ އަދި ބޮލީވުޑްގެ ތަރިން ހިމެނޭ ފިލްމެއް.

މީގެކުރިންވެސް ރިލީޒްކުރުން ފަސްކޮށްފައިވާ ކަންނާޑާ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް" މި އަންނަ މަހު ސިނަމާތަކަށް ނުގެންނާނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ މި އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް ފަހުން އެ ތާރީޚު ފަސްކޮށް ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މި އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށެވެ.

ނަމަވެސް އިއްޔެގެ ވަގުތެއްގައި "ޓޮކްސިކް" ގެނެސްދޭ ކޭވީއެން ޕްރޮޑަކްޝަންސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މެދުއިރުމަތީގެ މަސްރަހު އަދިވެސް ހަމައަކަށް އެޅިފައި ނެތުމުން ފިލްމު ސިނަމާތަކަށް ގެނައުން ފަސްކުރެވިފައިވާ ކަމަށެވެ.

ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ވަރުގަދަ އެކްޝަން ތުރިލާ ރިލީޒްކުރާނެ ރަސްމީ ތާރީޚެއް ނުދީ ފިލްމު ފަސްކުރުމުން ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ އެކަމާ މާޔޫސްވެ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކޮށްފައެވެ.

ފިލްމު "ޓޮކްސިކް"ގެ ކާސްޓުގައި ހިމެނޭ ބަތަލާއިން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޕީރިއަޑް ގޭންގްސްޓާ ފިލްމެއްގެ ގޮތުގައި އުފައްދާފައިވާ "ޓޮކްސިކް" އަކީ ދެކުނު އިންޑިއާގެ ތަރިންނާއި ބޮލީވުޑްގެ ތަރިންތަކެއްގެ މަސްހުނި ކާސްޓެއް ހިމެނޭ ފިލްމެކެވެ.

ގީތޫ މޯހަންދާސް ލިޔެ، ޑައިރެކްޓްކުރާ ފިލްމުގައި ނަޔަންތަރާ، ހުމާ ގްރޭޝީ، އަކްޝޭ އޮބެރޯއީ، ތާރާ ސުތާރިއާ، ސުދޭވް ނައިރް އަދި އަމިތު ތިވާރީ ހިމެނެ އެވެ.

މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކޭޖީއެފް"ގެ ދެ ފިލްމަށްފަހު އެ ފިލްމުގެ ލީޑް އެކްޓަރު ޔަޝް އެފަދަ ކެރެކްޓާއަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ.

ޖުމްލަ 600 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ "ޓޮކްސިކް"ގެ ޕްރޮޑިއުސަރުންގެ ޓީމުގައި ޔަޝް ވެސް ހިމެނެއެވެ.

comment ކޮމެންޓް