ކްރިތީގެ އަމިއްލަ ބިއުޓީ ބްރޭންޑްގެ ސީސީއޯގެ މަގާމު ބަތަލާ ދޫކޮށްލައިފި

ބަތަލާ ކްރިތީ ސެނޮން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮންގެ އަމިއްލަ ބިއުޓީ ބްރޭންޑް 'ހައިފަން'ގެ ޗީފް ކަސްޓަމަ އޮފިސަރު (ސީސީއޯ)ގެ މަގާމުން ބަތަލާ ވަކިވިކަން އެ ބްރޭންޑުން ކަށަވަރުކޮށްދީފިއެވެ.

ފިލްމީ ތަރިއެއްގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ވެސް ނުކުމެފައިވާ ކްރިތީ، އޭނާގެ އަމިއްލަ ސްކިންކެއާ ބްރޭންޑް 'ހައިފަން'ގެ(ސީސީއޯ)ގެ މަގާމުން ވަކިވިކަން އިއުލާނުކޮށްފައި ވާއިރު، 2023 ވަނަ އަހަރު މި ބްރޭންޑް ބާޒާރަށް ނެރުނީއްސުރެ، ބްރޭންޑް ކުރިއެރުވުމުގައާއި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ކްރިތީ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެ ކުންފުނިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ވަރަށް ފުންކޮށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި، މިއީ ކުންފުންޏަށް އަންނަ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ.

ބަތަލާ ކްރިތީ 'ހައިޕަން'ގެ އިޝްތިހާރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

"މިއީ އަހަރެމެން ވަރަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް. ކަންކަން ދިރާސާކުރުމަށްފަހު، މިކަން ތެދުވެރިކަމާއެކު ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް އަހަރެމެން ގަބޫލުކުރަން. ކުރިއަށް އޮތީ ވަރަށް ބޮޑު ބަދަލުތަކެއް. މި ދަތުރުގައި ބައެއް ހިތްދަތި ނަމަވެސް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައި. އެގޮތުން، ކްރިތީ ސެނަން ދެން އަހަރެމެންގެ ޗީފް ކަސްޓަމާ އޮފިސަރުގެ މަގާމުގައި ނުހުންނާނެކަން އާންމުކޮށް އިއުލާނުކުރަން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ގިނަ ބަޔަކު ވަނީ މި ކުއްލި ނިންމުމާ މެދު ހައިރާންކަން ފާޅުކޮށް، މިއީ ކީއްވެގެން އައި ބަދަލެއްތޯ ސުވާލު އުފައްދާފައެވެ. ބްރޭންޑް އުފެދުނީއްސުރެ ކްރިތީ އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވަމުން އައުމުން، މި ބަދަލުގެ ސަބަބުން ކުންފުނީގެ މުސްތަގުބަލަށް ކުރާނެ އަސަރަކާ މެދު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް ވާހަކަ ދައްކާފައެވެ.

މި ނިންމުމާ ގުޅޭގޮތުން ވިޔަފާރިވެރިޔާ ޕާރޫލް ގުލާތީ ކްރިތީއަށް ތާއީދުކޮށް ބުނެފައި ވަނީ، ކްރިތީއަކީ ހަމައެކަނި "ކަސްޓަމާ އޮފިސަރެއް" ނޫން ކަމަށާއި، އޭނާއަކީ ހުދު އެ ބްރޭންޑް ކަމަށެވެ.

ފިލްމު "ކޮކްޓެއިލް 2"ގެ މަންޒަރެއްގައި ކްރިތީ، ރަޝްމިކާ އަދި ޝާހިދު--ފޮޓޯ/ޕީޓީސީނިއުސް

ކުންފުނީގެ ހިންގުމަށް މި ބަދަލު އައިކަން ކަށަވަރުކޮށްދިން ނަމަވެސް، މި ނިންމުން ނިންމަން ޖެހުނު ސީދާ ސަބަބެއް ނުވަތަ ކުރިއަށް އޮތް ތަނުގައި ކްރިތީގެ އެއްވެސް ދައުރެއް އޮންނާނެތޯ އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

ބަޔާނުގައި ބޭނުންކޮށްފައިވާ "ޓްރާންސިޝަން" ނުވަތަ ބަދަލުވުމުގެ މަރުހަލާ މި ބަހުން ދޭހަވަނީ ކުންފުނީގެ އެތެރޭގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމެވެ. ނަމަވެސް މިކަމުގެ ތަފްސީލީ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

"ހައިފަން" އަކީ ޖުލައި 2023ގައި ބާޒާރަށް ނެރުނު އިންޑިއާގެ "ޑައިރެކްޓް-ޓޫ-ކޮންސިއުމަ" ސްކިންކެއާ ބްރޭންޑެކެވެ.
މި ބްރޭންޑަށް މި ނަން ދެވިފައިވަނީ ތަފާތު ބާވަތްތަކުގެ މާއްދާތައް އެކުލަވާލައި "ގުޅުވައިދިނުމުގެ" މުހިންމު ފަލްސަފާގެ މައްޗަށް ބިނާކޮށެވެ.

އަމިއްލަ ބްރޭންޑެއް ތައާރަފްކޮށްފައިވާ ކްރިތީ އަކީ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ވެސް ހިންގަމުން އަންނަ ފަރާތަކެވެ. 'ބްލޫ ބަޓަފްލައި ފިލްމްސް'ގެ ނަމުގައި 2023 ވަނަ އަހަރު ވުޖޫދަށް އައި މި ކުންފުންޏަކީ ކްރިތީ އާއި ބަތަލާގެ ކޮއްކޮ ނުޕުރު ސެނޮން ގުޅިގެން ހިންގާ ކުންފުންޏެކެވެ. މި ކުންފުނިން މިހާތަނަށް ބެލުންތެރިންނަށް ގެނެސްދީފައި ވަނީ އެންމެ އުފެއްދުމެކެވެ. އެއީ 2024 ވަނަ އަހަރު ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދިން ތުރިލާ ފިލްމު "ދޯ ޕައްތީ"އެވެ.

ކްރިތީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް މި އަހަރުގެ ޖޫން މަހުގެ 19ގައި ރިލީޒްކުރަން ތާވާލުކޮށްފައި އޮތް ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމު "ކޮކްޓެއިލް2"އިންނެވެ.

comment ކޮމެންޓް