ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުތަކުގައި ތިބޭ ގައިދީންނާއި، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ނެރުނު 'ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް' ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފިއެވެ.
އެޗްއާރްސީއެމްގެ އެ ރިޕޯޓުގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުތަކުގައި ތިބޭ ގައިދީންނާއި، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހިމަނާފައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަކީ:
- ރިމާންޑް ބަންދު މީހުންގެ އަދަދު އިތުރުވުން
- ސިއްހީ ފަރުވާ ލިބުން ލަސްވުން
- މުވައްޒަފުންގެ ދަތިކަން
- ބަނދު މަރުކަޒުތަކުގައި އަޅަމުންދާ ތައުދީބީ ފިޔަވަޅުތަކާ ގުޅިގެން ކަންބޮޑުވުންތައް ހުރިކަން
- މުހިންމު އުސޫލުތަކާއި އެސްއޯޕީތައް ހަދާފައި ނުވާކަން
އެޗްއާރްސީއެމް އިން ޝާއިއުކޮށްފައިވާ 'ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް' ގެ މިދިޔަ އަހަރުގެ ރިޕޯޓާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ މުހިންމު ދައުރު އެ ޚިދުމަތުން ބަލައިގަންނަ ކަމަށެވެ.
ވަކިން ޚާއްސަކޮށް، 'އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ދަ ކްރުއެލް، އިން ހިއުމަން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް (އޮޕްޓެކް)" ގެ ދަށުން ކުރިއަށްގެންދާ މޮނިޓަރިން މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި އެކަމަށް ދީފައިވާ މުހިންމު އަހައްމިއްޔަތުކަން ރަނގަޅަށް ދޭހަކޮށްދޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކާއި ލަފާތަކެއް ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ފާހަގަކުރުން މުހިންމު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އެގޮތުން ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް، ޚަބަރު ފަތުރާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޗްއާރްސީއެމްއާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި މި ޚިދުމަތުން ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން. އަދި މި ޚިދުމަތުގެ މަސައްކަތްތައް ގާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އަރުވަން، ފުލުހުން