އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ މަދަނީ ސަރަޙައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދާދި ފަހުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ރާއްޖޭން ކުށްވެރިކޮށްފިއެވެ.
މި ހަމަލާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން އާންމުކުރި ރަސްމީ ބަޔާނުގައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔޫއޭއީއަށް ދެމުންގެންދާ މިފަދަ ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ކަނޑައެޅިގެން އަރައިގަތުމުގެ އަމަލެކެވެ. އަދި, މިއީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން އޮތީ ޔޫއޭއީގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ އެކު ފުރިހަމަ އެއްބައިވަންތަކަމެއްގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ޔޫއޭއީގެ ސިޔާދަތާއި، ސަލާމަތާއި، އަދި ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން އަޅަމުންދާ އެންމެހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަން ވެސް މި ބަޔާނުގައި ވަނީ ދީފައެވެ.
ފަހުގެ ތާރީޚެއްގައި ޔޫއޭއީގެ ތެލުގެ މުއައްސަސާތަކަށާއި ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން، ދާދި ފަހުން އެކަނި ވެސް ޔޫއޭއީގެ ދިފާޢީ ނިޒާމުތަކުން ވަނީ 12 ބެލިސްޓިކް މިސައިލާއި، ތިން ކްރޫޒް މިސައިލްގެ އިތުރުން ހަތަރު ޑްރޯން ވައްޓާލާފައެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށާއި މުދަލަށް ލިބިދާނެ ގެއްލުންތަކާމެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ދުނިޔޭގެ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން، ދިވެހި ސަރުކާރުން ވަނީ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތްކުރުމަށް ގޮވާލާފައެވެ. އަދި، ހަމަނުޖެހުންތައް ކުޑަކޮށް، ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމަށާއި ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުކުރުމަށް ދިވެހިރާއްޖެއިން ވަނީ ބާރުއަޅާފައެވެ. މިއީ މުޅި ދުނިޔޭގެ އިގުތިސާދަށާއި ސަލާމަތަށް ވެސް ނުހަނު ބޭނުންތެރި ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން، ހަނގުރާމަ ފެށި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އާލް ނަހްޔާންއާ ފޯނުން ގުޅުއްވައި، ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ފޯނު ކޯލުގައި ވެސް ރައީސް މުޢިއްޒު ވަނީ ޔޫއޭއީއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި، ރާއްޖެއިން ޔޫއޭއީއާއެކު ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.