މި އަހަރު މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު "ދުރަންދަރު 2" ގެ އުނިއިތުރެއް ނުގެންނަ (އަންކަޓް) ވާޝަން، އެމެރިކާ އަދި ކެނެޑާގެ ނެޓްފްލިކްސްއަށް އިއްޔެ ދޫކޮށްލައިފިއެވެ.
މި ދެ ގައުމުގެ ނެޓްފްލިކްސްގައި ފިލްމު "ދުރަންދަރު 2" ސްޓްރީމްކުރަން ފެށި ނަމަވެސް އިންޑިއާގެ ބެލުންތެރިން އަދިވެސް ތިބީ އެ ގައުމުގައި މި ފިލްމު އޯޓީޓީ ޕްލެޓްފޯމަކަށް ރިލީޒްކުރާނެ ތާރީޚެއްގެ އިންތިޒާރުގައެވެ.
ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ "ދުރަންދަރު 2" ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރިއިރު މި ވާޝަނަކީ އިންޑިއާގެ ސިނަމާތަކުގައި ދެއްކި ފިލްމަށްވުރެ ތަފާތު، "ރޯ އެންޑް އަންކަޓް" ފުރިހަމަ އެޑިޝަނެކެވެ.
އިންޑިއާގެ ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމު ބޭރު ގައުމުތަކުގައި ސްޓްރީމްކުރަން ފަށާފައި ވަނީ ސިނަމާތަކަށް ފިލްމު ނެރުނުތާ ގާތްގަނޑަކަށް އަށް ހަފުތާ ފަހުންނެވެ.

ރަންވީރު އަދި ބަތަލާ ސާރާ އަރުޖުން ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި -- ފޮޓޯ/ އެންޑީޓީވީ
އާދިތުޔާ ދާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މަގުބޫލު "ދުރަންދަރު" ފްރެންޗައިޒްގެ ދެވަނަ ބައެވެ. މި ފްރެންޗައިޒް ވަނީ މާލީ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 3،000 ކްރޯޑް ރުޕީސް އަށްވުރެ ގިނަ އާމްދަނީއެއް މި ފިލްމަށް ވަނީ ލިބިފައެވެ.
ޖިއޯ ސްޓޫޑިއޯސް އާއި B62 ސްޓޫޑިއޯސް ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ތަރިންގެ ތެރޭގައި އަކްޝޭ ކަންނާ، އާރް މާދަވަން، ސަންޖޭ ދަތު، އަރުޖުން ރާމްޕާލް އަދި ސާރާ އަރުޖުން ހިމެނެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ޝާޝްވަތު ސަޗްދޭވްއެވެ.
އިންޑިއާ ފިޔަވާ އެހެން ހުރިހާ ގައުމެއްގައި "ދުރަންދަރު 2" ނެޓްފްލިކްސްއިން ސްޓްރީމްކުރާއިރު، އިންޑިއާގައި މި ފިލްމު ސްޓްރީމް ކުރަނީ ޖިއޯ ހޮޓްސްޓާ އިންނެވެ. ނަމަވެސް އެއީ ކޮން ތާރީޚެއްކަން އިއުލާނެއް ނުކުރެއެވެ. ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޖިއޯހޮޓްސްޓާގައި މި ފިލްމު ރިލީޒްކުރާނީ މި އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހެވެ.