އިންޑިއާގައި މިހާތަނަށް އުފައްދާ އެންމެ ބޮޑު އޭލިއަން އެކްޝަން ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.
ކުޅަދާނަ ފިލްމު ޑައިރެކްޓަރު ވިޕުލް ޝާހު ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "ސަމުކް"އެވެ. ކަނީޝްކް ވަރުމާ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުއެވެ.
އާޝިން އޭ ޝާހް ވެސް ބައިވެރިވެގެން އުފައްދާ މި ފިލްމަކީ، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަކްޝޭ އާއި ވިޕުލް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން އަކްޝޭ ބުނީ، މިއީ އޭނާއަށާއި އިންޑިއާގެ ފިލްމީ ސިނާއަތަށް ވެސް މުޅިން އާ ޖޯންރާއެއް ކަމަށާއި، މި ފިލްމުގެ ސްކްރިޕްޓާއި މައުޟޫއު ވަރަށް ބޮޑަށް ކަމުދިޔަ ކަމަށެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އިތުރަށް ހާމަކުރި ގޮތުގައި، މި ފިލްމުގެ މަގްސަދަކީ އިންޑިއާގެ ސިނަމާގައި މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ފަދަ ގޮތަކަށް، ހަގީގީ އެކްޝަން މަންޒަރުތަކާއި ޒަމާނީ ވިޝުއަލް އިފެކްޓްސް ބޭނުންކޮށްގެން މުޅިން އާ އުފެއްދުމެއް ބެލުންތެރިންނަށް ދައްކާލުމެވެ.

ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ކާސްޓުންނާ އެކު އަކްޝޭ-ފޮޓޯ/ޕީޕިންގްމޫން
އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް ވެސް ހިއްސާވެގެން އުފައްދާ "ސަމުކް"ގައި ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބައިނަލްއަގުވާމީ ފަންނީ ޓީމެއް ބައިވެރިވާނެއެވެ.
އެގޮތުން، މަޝްހޫރު ކްރީޗާ އެފްއެކްސް ޑިޒައިނަރު އެލެކް ގިލިސް މި ފިލްމުގެ އޭލިއަން ފަރުމާކުރުމުގެ މަސައްކަތްތަކާ ގުޅިފައިވާއިރު، ފިލްމުގެ އެކްޝަން މަންޒަރުތައް ގެނެސްދޭނީ އިނގިރޭސިވިލާތުގެ ސްޓަންޓް ކޯޑިނޭޓަރު ލޫކް ޓަމްބަގެ އިރުޝާދުގެ ދަށުންނެވެ.
ހިންދީ ސިނަމާގެ އެންމެ 'ބިޒީ' އެކްޓަރުންގެތެރޭ ހިމެނޭ އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޫތު ބަނގްލާ"އިންނެވެ.
އަކްޝޭ ދެން އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލުކުރާނީ، އަންނަ މަހުގެ 26ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އިންނެވެ.