އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު، އެއްގަމު މަހުގެ އަގުތަކަށް ބޮޑު ބަދަލެއް

ބާޒާރުމަތީ ސަރަހައްދުގައި މީހަކު: އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު މާލޭގައި އަސާސީ މުދަލުގެ އަގު ވަނީ 6.35 އިންސައްތަ އުފުލިފައެވެ. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ތަކެތީގެ އަގު މިހާ ބޮޑަށް އިތުރުވި ފުރަތަމަ ފަހަރެވެ. މުދާ އެތެރެކުރުމުގައި ދިމާވި ދަތިތަކާއި، ބޭރު ފައިސާގެ ތާށިކަމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިފައިވާއިރު، އެންމެ ބޮޑަށް އަގު ބޮޑުވެފައިވަނީ ގޭހާއި، ތެލާއި، އެއްގަމު މަހުގެ ބާވަތްތަކުންނެވެ. މީގެ އިތުރުން، މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ރޯދަމަހުގެ ފަހުން ކުކުޅުގެ އަގު ކުއްލިއަކަށް އުފުލިގެން ދިޔަކަން ވިޔަފާރިވެރިން ފާހަގަކޮށްފައިވެއެވެ. ދުނިޔޭގެ ބޭންކުން ވެސް ވަނީ ދަރަނި ދެއްކުމުގެ ސަބަބުން ކުރިމަތިވާ ޑޮލަރުގެ ދަތިކަމާއެކު ރާއްޖޭގައި ތަކެތީގެ އަގުތައް މައްޗަށް ދާނެކަމަށް ކުރިން ލަފާކޮށްފައެވެ.

  • މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މެއި މަހު އަސާސީ ބާވަތްތަކުގެ އަގު 6.35 އިންސައްތަ ވަނީ އިތުރުވެފައެވެ.
  • އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ގޭހާއި ތެލުގެ ބާވަތްތަކުންނެވެ. އެއީ 14.54 އިންސައްތައިގެ ކުރިއެރުމެކެވެ.
  • ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ ކުކުޅާއި ގެރިމަސް ފަދަ އެއްގަމު މަހުގެ ބާވަތްތަކުންނެވެ. (22.61 އިންސައްތަ)
  • މާލޭގެ ބަނދަރުން މުދާ ހުސްކުރުމުގައި ދިމާވި ލަސްތަކަކީ ކާބޯތަކެތީގެ އަގު އުފުލުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.
  • ބޭރުގެ ދަރަނި ދެއްކުމުގެ ސަބަބުން ކުރިމަތިވި ޑޮލަރުގެ ތާށިކަމާއެކު މިއަހަރު ތަކެތީގެ އަގު އުފުލޭނެކަމަށް ދުނިޔޭގެ ބޭންކުން ވަނީ ލަފާކޮށްފައެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު، އަސާސީ ތަކެތީގެ އަގު މާލޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ މިދިޔަ މެއި މަހު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް (އީސީޕީއައި)އިން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު އަސާސީ ބާވަތްތަކުގެ އަގު ވަނީ 6.35 ޕަސެންޓް އިތުރުވެފައެވެ. އެއީ ފާއިތުވި ފަސް މަސް ތެރޭގައި އެ އަދަދު އެހާވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.

މެއި މަހުގެ ކުރިން، އަހަރުން އަހަރަށް ބަލާއިރު މާލޭގައި ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ އޭގެ ކުރިން އައި އޭޕްރިލް މަހެވެ. އެގޮތުން އެ މަހު ތަކެތީގެ އަގު 4.4 ޕަސެންޓް އުފުލުނެވެ.

އޭޕްރިލް މަހާ އަޅައިބަލާއިރު، މިދިޔަ މަހު ތަކެތީގެ އަގު ވަނީ 1.14 ޕަސެންޓް އިތުރުވެފައެވެ.

އެ އިންޑެކްސްއިން ދައްކުވައިދޭ ވަކިވަކި ބާވަތްތަކަށް ބަލާއިރު، ކާނާގެ ބާވަތްތަކުގެ އަގު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 6.37 ޕަސެންޓް އިތުރުވެފައެވެ. އަދި ބުއިމުގެ ބާވަތްތަކުން 5.08 ޕަސެންޓްގެ އިތުރުވުމެއް ފެނިފައިވެއެވެ.

ބަޔަކު ގޭސް ފުޅިއެއް އުފުލަނީ: ގޭހާއި ތެލުގެ ބާވަތްތަކުން ވެސް އަގުތައް ވަރަށް ބޮޑަށް އުފުލުނު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުން އަހަރަށް ބަލާއިރު، އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ގޭހާއި ތެލުގެ ބާވަތްތަކުންނެވެ. އެގޮތުން އެ ބާވަތްތަކުން 14.54 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވި ކަމަށް އީސީޕީއައިއިން ދައްކައެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލުން، މެއި މަހަށް، ގޭހާއި ތެލުގެ އަގަށް ބަދަލެއް ނާންނަ ކަމަށް ވެސް އެ ތަފާސްހިސާބުގައިވެއެވެ.

ކާބޯތަކެތީގެ ތެރެއިން އަގު އެންމެ ބޮޑަށް އުފުލިފައިވަނީ އެއްގަމު މަހުގެ ބާވަތްތަކުންނެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މިދިޔަ މަހު، ކުކުޅާއި ގެރިމަސް ފަދަ ބާވަތްތަކުގެ އަގު 22.61 ޕަސެންޓް ވަނީ އުފުލިފައެވެ. އަދި ހަކުރާއި މާމުޔާއި ޗޮކްލެޓް ފަދަ ބާވަތްތަކުގެ އަގު 10.41 ޕަސެންޓް އުފުލުނުއިރު، ކިރާއި ބިސް ފަދަ ބާވަތްތަކުގެ އަގު 8.48 ޕަސެންޓް އުފުލިފައިވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރާ އަޅައިބަލާއިރު ނިމުނު މެއި މަހު، ކޮފީއާއި ކޮފީ ހިމެނޭ ބުއިންތަކުގެ އަގު ވަނީ 18.58 ޕަސެންޓް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މާލޭގައި ތަރުކާރީއާއި މޭވާގެ އަގު ވެސް ވަނީ އުފުލިފައެވެ. އެގޮތުން ތަރުކާރީގެ އަގުން 3.82 ޕަސެންޓްގެ ބަދަލެއް ފެނިފައިވާއިރު، މޭވާގެ އަގު ވަނީ 7.40 ޕަސެންޓް އުފުލިފައެވެ.

https://sun.mv/220411

މިދިޔަ ރޯދަމަހުގެ ފަހުން، އޭޕްރިލް މަހުގެ ތެރޭގައި ވެސް، ދިވެހީން އާންމުކޮށް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ކުކުޅުގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް އުފުލުނެވެ. އޭރު ވިޔަފާރިވެރިން ވަނީ އޭގެ މައިގަނޑު ސަބަބަކީ މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގައި ލަސްވުން ކަމަށް ބުނެފައެވެ.

އެ މަހުގެ ތެރޭގައި ވިޔަފާރިވެރިން ވަނީ މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސްވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުފޮނުވި އެތައް ކޮންޓެއިނަރެއް އެހެން ގައުމުތަކުގައި ތާށިވެފައި ހުރިކަމުގެ ޝަކުވާތައްކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ޕޯޓުން މާލެ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރުތައް ގެންނަން ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށް ބުނެފައެވެ.

ރާއްޖޭން މި އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭއިރު، މިދިޔަ އޭޕްރިލް މަހު ވަނީ 524.68 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ދައްކައިފައެވެ. އެ ދަރަނި ދެއްކުމުން ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ، މި އަހަރު ތަކެތީގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން މިދިޔަ އަހަރު ވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން މި އަހަރު ވަނީ، އީރާން ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން ދަށްވެ، ތަކެތި އެތެރެ ކުރުމުގެ އަގު އުފުލި އޭގެ އަސަރު އާމްދަނީއަށް ވެސް ކުރާނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް