ބެލިންހަމްގެ ދެ ލަނޑާއެކު ނޯވޭ ބަލިކޮށް އިންގްލެންޑު ސެމީއަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ނޯވޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލިންހަމް--

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތެރޭގައި އިންގްލެންޑޫގެ ޖޫޑް ބެލިންހަމް ކާމިޔާބުކުރި ލަނޑާއެކު ނޯވޭ 2-1 ގެ ނަތީޖާއަކުން ބަލިކޮށް އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުން ހޯދި މޮޅާއެކު، މިއީ 2018 ވަނަ އަހަރަށްފަހު އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލްގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ އާޖެންޓީނާ އާއި ސްވިޒަލޭންޑް ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗުން މޮޅުވާ ޓީމަކާއެކުގައެވެ.

1966 ވަނަ އަހަރަށްފަހު ފުރަތަމަ ތަށްޓަކަށް ކުރަމުންދާ ދިގު އިންތިޒާރާއެކު ބޮޑު ޕްރެޝަރެއްގައި ނުކުތް އިންގްލެންޑާއި، 28 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވެ ތާރީހީ ފުރަތަމަ ކުއާޓާ ފައިނަލުގައި ކުޅުނު ނޯވޭގެ މެޗު ފެށިގެން ފުރަތަމަ 30 މިނެޓުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ކުރިން، ކުއްލި ގޮތަކަށް މަރުވި ދެކުނު އެފްރިކާގެ މިޑްފީލްޑަރު ޖޭޑަން އެޑަމަސްގެ ހަނދާނުގައި ސުކޫތެއް ވެސް ގެނެސްފައިވެއެވެ.

މަޔާމީގެ ގަދަ ހޫނުގައި ކުޅުނު މެޗުގެ 36 ވަނަ މިނެޓުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަތުން ގެއްލުނު ބޯޅައެއްގައި، އަރިމަތިން އަންދްރެސް ޝެލްޑްރަޕް ފޮނުވާލި ބާރު ހަމަލާއަކުން ނޯވޭއިން ވަނީ ލީޑު ނަގައިފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް، އިތުރު ވަގުތުގައި އެންތަނީ ގޯޑަން ދިން ބޯޅައަކުން، އޭރިއާތެރެއިން ހަމަޖެހިލައިގެން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން 55 ވަނަ މިނެޓުގައި ނޯވޭގެ ޓޯބްޖޯން ހެގެމް ގޯލެއް ޖެހި ނަމަވެސް، ކޯނަރު ނެގުމުގެ ކުރިން ނޯވޭގެ ފޯވާޑް އާލިން ހާލަންޑް ފައުލްކޮށްފައިވާތީ ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ.

އޭގެފަހުން ނޯވޭގެ ކްރިސްޓޮފާ އަޔާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 3 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ބަދަލު ކުޅުންތެރިޔާ މޯގަން ރޮޖާސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ، ނޯވޭ ކީޕަރު އޮރްޖާން ނައިލަންޑް އަތުގައި ޖެހިފައި ނުކުތް ވަގުތު، ހުސްކޮށް ހުރެ ބޯޅަ ގޯލަށް ވައްދާލައިގެން މެޗުގެ މޮޅު ގޯލު ޖަހައިދިނީ މި މުބާރާތުގައި 6 ވަނަ ލަނޑު ކާމިޔާބުކުރި ބެލިންހަމްއެވެ.

އޭގެ އިރުކޮޅެއް ފަހުން އިންގްލެންޑްގެ ޖެޑް ސްޕެންސްއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.

މި މޮޅާއެކު ސެމީގައި އިންގްލެންޑު ބައްދަލުކުރަން ޖެހޭނީ ރާއްޖެގަޑިން މިއަދު ފަތިހު 06:00 ގައި އާޖެންޓީނާއާއި ސްވިޒަލެންޑު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

comment ކޮމެންޓް