ފިލްމު "ލަގާން" އަދި "ގަޖިނީ" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެންދިޔަ ކާމިޔާބު އެކްޓަރު ޕްރަދީޕް ރާވަތު މަރުވެއްޖެއެވެ.
ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ސައުތު ސިނަމާގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރި އެކްޓަރު މަރުވިކަން ޕްރަދީޕްގެ އެކުވެރިއެއް ކަމަށްވާ އެކްޓަރު ޔަޝްޕާލް ޝަރުމާ ވަނީ ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދީފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕްރަދީޕް މަރުވީ ލޭގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ނަމަވެސް، މިކަމާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އާއިލާގެ ފަރާތުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަޝުތޯޝް ގޯވަރިކަރް ޑައިރެކްޓްކުރި، އޮސްކާއަށް ނޮމިނޭޓްވި ފިލްމު "ލަގާން"ގައި ޕްރަދީޕްއާ އެކު މަސައްކަތްކުރި ޔަޝްޕާލް ޝަރުމާ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް، ގާތް ރަހުމަތްތެރިޔާ އަދި މަސައްކަތުގެ ބައިވެރިޔާގެ ވަކިވުމުގެ ހިތާމައިގައި ތައުޒިޔާ ފޮނުވާފައެވެ.

ޕްރަދީޕް ފިލްމު "ލަގާން"ގެ މަންޒަރެއްގައި އަދި އެ ފިލްމުގެ ލީޑް އެކްޓަރު އާމިރު ޚާން--ފޮޓޯ/އިންޑިއާޓުޑޭ
ޕްރަދީޕް މަރުވި ސަބަބާ ބެހޭ ރަސްމީ ތަފްސީލެއް އާއިލާއިން އަދި ހާމަނުކުރި ނަމަވެސް، ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ގިނަ ފަންނާނުން ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
ޕްރަދީޕް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ ބީއާރް ޗޯޕްޅާގެ މަޝްހޫރު ސިލްސިލާ "މަހާބާރަތު"ގައި އޭނާ ކުޅުނު އަޝްވަތަމާގެ ރޯލުންނެވެ. އޭގެ ފަހުން އޭނާ ވަނީ 1990އިގެ ފިލްމު "އަގްނީޕަތު"، "ސަރްފަރޯޝް" އަދި "ލަގާން" ފަދަ ކާމިޔާބު ފިލްމުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އޭނާގެ މަގުބޫލުކަން އިންތިހާއަށް އިތުރުވެގެންދިޔައީ 2005 ވަނަ އަހަރު ނެރުނު ތަމަޅަ ފިލްމު "ގަޖިނީ"ގައި ކުޅުނު ވިލެންގެ ރޯލްއިންނެވެ. އަދި 2008 ވަނަ އަހަރު އާމިރު ޚާންއާ އެކު އެ ނަމުގައި ގެނެސްދިން ހިންދީ ފިލްމުގައި ވެސް އޭނާ ވަނީ އެ ރޯލު އަލުން ކުޅެފައެވެ.