މުޒާހަރާގެ ބައިވެރިއެއްގެ ދިފާއުގައި ތެދުވުމުން ބޫމީއަށް ފާޑުކިޔުންތަކެއް

ބޮލީވުޑްގެ ބަތަލާ ބޫމީ ޕެޑްނޭކަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އޮންލައިންކޮށް ރޭޕްގެ އިންޒާރުތައް ލިބެމުންދާ އަންހެން މުޒާހަރާވެރިއެއްގެ ދިފާއުގައި ބޮލީވުޑްގެ ބަތަލާ ބޫމީ ޕެޑްނޭކަރު ތެދުވުމުން، އެއީ އޭނާގެ އަގު ހިފެހެއްޓުމަށް ކުރާ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަތަލާއަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ޚިޔާލުތަފާތުވުންތަކަކީ އެއްވެސް ހާލެއްގައި ބިރުދެއްކުމާއި ފުރައްސާރައަށް ބަދަލުވެގެންވާނެ ކަމެއް ނޫން ކަމަށް ބުނެ، 15 އަހަރުގެ އެ އަންހެން ކުއްޖާއަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓާލުމަށް ބޫމީ ވަނީ އިލްތިމާސްކޮށްފައެވެ.

އަންހެން ބައިވެރިއެއްގެ ހިމާޔަތުގައި ބޫމީ ވާހަކަ ދައްކާފައި މިވަނީ، ޖަންތަރު މަންތަރުގައި ދަރިވަރުން ކުރި މުޒާހަރާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ބޭނުންކުރި ބަދުބަސްތަކާ ދެކޮޅަށް ވާހަކަ ދެއްކިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

"އިންޓަނެޓުން އަހަންނަށް ފެނުނު ވީޑިއޯއެއްގައި މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ޒުވާން އަންހެން ކުއްޖަކު އިންޓަވިއުއެއް ދެމުންދިޔައިރު، އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެ ބިރުގެންފައި. އެ ވީޑިއޯ ވައިރަލްވީ ފަހުން އޭނާއަށް މެދުނުކެނޑި ރޭޕްގެ އިންޒާރާއި މަރުގެ އިންޒާރުތައް ދަނީ ލިބެމުން. ހަމައެކަނި އޭނާއަކަށް ނޫން، އޭނާގެ މަންމައަށާއި އާއިލާއަށް ވެސް އެފަދަ އިންޒާރުތައް ލިބެމުންދާ ދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އިންސްޓަގްރާމް މެދުވެރިކޮށް ބޫމީ ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވެއެވެ.

ނީޓް އިމްތިހާނުގެ މައްސަލަތަކާ ގުޅިގެން ޖަންތަރު މަންތަރުގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިން އަޑު އުފުލަނީ--ފޮޓޯ/އިންޑިއާޓުޑޭ

ބަތަލާ އިތުރަށް ބުނީ، ޒުވާން އަންހެން ކުއްޖަކަށް ބިރުދައްކައި ނުފޫޒު ފޯރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ޚިޔާލު ތަފާތުވުމަކީ އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ބިރުވެރިކަމެއްގެ ތެރެއަށް އޭނާ ވައްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އަންހެނުންގެ ހައިސިއްޔަތުން މިފަދަ އެތައް ފުރައްސާރައަކާ ކުރިމަތިލާންޖެހޭ ކަންވެސް ބޫމީ ވަނީ ފާހަގަކޮށްފައެވެ.

އޮންލައިންކޮށް މީހުން ކުރާ ފުރައްސާރައިގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ބޫމީ ބުނީ، އޭނާއަކީ މަޝްހޫރު މީހަކަށް ވުމުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން އިންސާނާގެ ނަފްސާނީ ސިއްހަތަށް ދާއިމީ ގޮތެއްގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ.

ބޫމީގެ މި ވީޑިއޯއާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ، ކުރިން އޭނާ ދަރިވަރުންނާ ދެކޮޅަށް ވާހަކަދައްކާފައިވާތީއެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ، ބޫމީގެ ރީލްސްތައް ހުއްޓާލުމަށާއި، އާންމުންގެ އިހުސާސްތަކާ ކުޅުން ހުއްޓާލުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ބައެއް މީހުން ކޮމެންޓްކޮށްފައިވާ ގޮތުގައި، މި ވީޑިއޯއަކީ ބޫމީ އެންމެ ފުރަތަމަވެސް އާންމުކުރަންޖެހޭ ވީޑިއޯއެކެވެ. ނަމަވެސް މިހާރު މި ވީޑިއޯ ފެންނަނީ ކުރިން އޭނާއަށް އަމާޒުވި ފާޑުކިޔުންތަކުން ސަލާމަތްވެ، އޭނާގެ އަގު ހިފެހެއްޓުމަށް ކުރި ކަމެއްގެ ގޮތުގައި ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ނީޓް އިމްތިހާނުގެ މައްސަލަތަކާ ގުޅިގެން ޖަންތަރު މަންތަރުގައި ކުރިއަށްދިޔަ މުޒާހަރާއާ ގުޅިގެން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވައި، ސަރުކާރުން ޒުވާނުންގެ ހުރިހާ ޑިމާންޑަކަށް އެއްބަސްވެފައިވާތީ އެ މުޒާހަރާތައް މިހާރު ވަނީ ހުއްޓާލާފައެވެ.

comment ކޮމެންޓް