އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާ މްރިއުނާލް ތާކޫރުގެ ސޫރަ ބޭނުންކޮށްގެން އޮޅުވާލައިގެން ހަދާފައިވާ 'ޑީޕްފޭކް' ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބަތަލާ ދީފިއެވެ.
މްރޫނާލްގެ އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު "ރަސްމީ ނޯޓިސް" އެއްގައި، އޭނާގެ ސޫރަ ބޭނުންކޮށްގެން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ވަނީ އެކަން ވަގުތުން ހުއްޓާލުމަށް އަންގާފައެވެ. މިފަދަ ތަކެތި އުފައްދާ ފެތުރުމަކީ ގާނޫނާ ހިލާފު، ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް މީގެ ފަހުން އޭނާގެ އައިޑެންޓިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްފި ނަމަ، އެ ފަރާތްތަކާ މެދު ޝަރުއީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބަތަލާ ވަނީ ދީފައެވެ.
މީގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް މީހުންނަށް އުނދަގޫކޮށް، މިފަދަ ޑީޕްފޭކް ކޮންޓެންޓް ފަތުރާ އެކައުންޓްތައް ރިޕޯޓް ކުރުމަށް އޭނާ ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

މްރޫނާލް ލީޑް ބަތަލާގެ ރޯލް ކުޅުނު ފިލްމު "ދޯ ދިވާނޭ ސެހެރް މޭ"ގެ މަންޒަރެއްގައި އެކްޓަރު ސިދާންތު ޗަތުރުވެދީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިކަމާ ގުޅޭގޮތުން މްރޫނާލްގެ 'އެކްސް' އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއްވެސް މީހަކަށް އުނދަގޫކުރާ ނުވަތަ އޭއައި ބޭނުންކޮށްގެން ބަދުއަހުލާގީ މަންޒަރުތައް އުފައްދާ ފަރާތްތަކުގެ އެކައުންޓްތައް ފާހަގަކޮށް (ޓެގްކޮށް) އެކަން ހާމަކުރުމަށެވެ.
ފަހަކަށް އައިސް މަޝްހޫރު ފަންނާނުންގެ ސޫރަ ބޭނުންކޮށްގެން އޮޅުވާލައިގެން އުފައްދާ ވީޑިއޯތަކާއި ފޮޓޯތަކުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މީގެ ކުރިން ރަޝްމިކާ މަންދަނާ، ކެޓްރީނާ ކައިފް، ރަންވީރު ސިންގް އަދި އާލިއާ ބަޓް ފަދަ ތަރިން ވެސް ވަނީ މިފަދަ ޑީޕްފޭކްގެ ޝިކާރައަކަށް ވެފައެވެ.
މީގެ ތިން އަހަރު ކުރިން ބަތަލާ ރަޝްމިކާ މަންދަނާގެ ފޭކް ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނާ ބުނެފައިވަނީ، ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކާ އެކު ބިރުވެރިކަން ވެސް އިންތިހާއަށް ބޮޑުވަމުން އަންނަ ކަމަށެވެ. އެ ފަހަރު އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި ނާގާ ޗައިތަންޔާ ފަދަ ފުންނާބު އުސް ތަރިން ވަނީ ރަޝްމިކާ އަށް ތާއީދުކޮށް، މިފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.