ފުލުހުންގެ އިދާރާއަށް ގެންދިޔުމުން، ކުރިމަތިފަރާތުގައި ފޮރުވާފައި ހުރި ޑުރަގު އަމިއްލައަށް ހަވާލުކޮށްފި

ޑުރަގު އައްޑާއެއް: ފުލުހުންގެ އިދާރާއަށް ގެންދިޔުމުން ކުރިމަތިފަރާތުގައި ޑުރަގު ހުރި ކަމަށް ބުނެ، އަމިއްލައަށް އެ ތަކެތި ވަނީ ނަގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުންގެ އިދާރާއަށް ގެންގޮސް، ސުވާލުކުރުމުން ކުރިމަތިފަރާތުގައި ފޮރުވާފައި ހުރީ މަސްތުވާތަކެތި ކަމަށް ބުނެ އެ ތަކެތި ހަވާލު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ނ. މިލަދޫއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ، މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަނިކޮށް، އޭނާ ހުއްޓުވަން އުޅުނު ވަގުތު އަމަލުތައް ހުރި ގޮތުން ހަށިގަނޑުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި، ފާސްކުރިއެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާގެ އަމަލުތައް ހުރި ގޮތުން، އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންނަށް ޝައްކުވިއެވެ. އަދި، ހެކި ނައްތާލާފާނެ ކަމަށް ބެލެވޭތީ ގާނޫނީ އިންޒާރުދީ، ފުލުހުން އޭނާ ހައްޔަރުކުރިއެވެ.

އޭނާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް ނުވަތަ ފުލުހުންގެ މައި އިދާރާއަށް ގެންގޮސް ސުވާލުކުރުމުން ކުރިމަތިފަރާތުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް އެ ޒުވާނާ ވަނީ ބުނެފައި ކަމަށް ކޯޓު އަމުރުގައިވެއެވެ. އެހެން ބުނެ، އަމިއްލައަށް ޖިންސް ތެރެއަށް އަތްލައި، ފުލުހުންނާ ޕެކެޓެއް ހަވާލުކޮށްފައިވާކަން ކޯޓު އަމުރުން އެނގެއެވެ.

އެ ޕެކެޓު ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 14 ރަބަރު ޕެކެޓު ފުލުހުންނަށް ވަނީ ފެނިފައެވެ.

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެކަމަކު، މި ދުވަސްވަރު އެ ޓްރެންޑު މި ވަނީ އާންމުވެފައެވެ.

comment ކޮމެންޓް