އުތުރުގެ ރަށެއްގައި، ދައްތައަކު ވަގަށް ނެގި ކޭޝްކާޑެއް ބޭނުން ކުރި ކޮއްކޮ ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ، 2018 ވަނަ އަހަރުގެ ފަހުކޮޅު، މާލޭން އުތުރުގެ ރަށެއްގައި ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ.
މި މައްސަލަ ޝަރިއަތުން ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ، ދައްތައަކު، ވަގަށް ކޭޝްކާޑެއް ނަގައި، އެ ކާޑުން ފައިސާ ނަގަން ކޮއްކޮއަކާ ހަވާލު ކުރި މައްސަލައެކެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ކޭޝްކާޑު ވަގަށް ނެގީ، އެ ކާޑާއެކު އޮތް ނޯޓު ކޮޅެއްގައި، ކާޑުގެ ޕިން ނަންބަރުވެސް ޖަހާފައި އޮއްވައެވެ.
ދައްތަ، އެ ކާޑު ވަގަށް ނަގައިގެން، ކާޑުން ފައިސާ ނަގަން ހަވާލު ކުރީ ކޮއްކޮއާއެވެ. ކޮއްކޮވަނީ އެ ކާޑުން އެކި ފަހަރު މަތިން ފައިސާ ނަގައިފައެވެ. އޭޓީއެމުން އަދި ފިހާރަތުގެ ޕީއޯއެސް މެޝިން ބޭނުންކޮށްގެންވެސް ފައިސާ ނަގާފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
މި މައްސަލައިގައި ދައުލަތުންވަނީ ކޮއްކޮއާ ދެކޮޅަށް ދެ ދައުވާއެއް އުލާފައެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އަދި ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުމުގެ ދައުވާއެވެ.
މި މައްސަލައިގައި އުފުލި ވައްކަމުގެ ދައުވާ ސާބިތުވެ، ނުވަ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭގެ ތެރެއިން ފަސް މަސް ދުވަހުގެ ޖަލު ހުކުމު ވަނީ ޝަރިއަތުން، ގޭ ބަންދަށް ބަދަލުކޮށްދީފައެވެ. ވައްކަން ކޮށްގެން ހޯދި މުދާ ބަލައިގަތުމުގެ ދައުވާ ސާބިތުނުވިއެވެ.
މި ހާދިސާއާ ގުޅިގެން ދައްތައާ ދެކޮޅަށް ދައުލަތުން ދައުވާ ކުރި ކަމެއް އެނގިފައެއް ނެތެވެ.