ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓަރު ހަރްޝްވަރުދަން ރާނޭ އާއި ފިލްމީ ތަރި ސަންޖީދާ ޝެއިޚް އެކުގައި ޗުއްޓީ ހޭދަކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމާ އެކު، ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް އަލުން ފެންމަތިވެފައި މިވަނީ، ސޯޝަލް މީޑިއާގައި ހިއްސާކުރި އެއްގޮތް ފޮޓޯތަކެއްގެ ސަބަބުންނެވެ.
ޕޫނޭ ކައިރީގައި އޮންނަ ޕަންޝެޓްގައި މި ދެ ތަރިން ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ބެލެވޭ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު، ފޮޓޯތައް ނަގާފައިވަނީ ތަފާތު އެންގަލްތަކުން ނަމަވެސް، އެއީ އެއް މާހައުލެއްކަން ވަރަށް ސާފުކޮށް އެނގެން ހުރެއެވެ. މިއާއެކު މި ދެ ފަންނާނުންގެ މެދުގައި ސިއްރު ލޯބީގެ ގުޅުމެއް އޮތް ކަމަށް ސަޕޯޓަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ހަރްޝްވަރުދަން ހިއްސާކުރި ފޮޓޯތަކުން އޭނާ ސައި ކައްކައި، ބިސްގަނޑެއް އަޅާ މަންޒަރު ފެންނައިރު، އޭނާ ހުރި އެއާބީއެންބީގެ ބައެއް މަންޒަރުތައް ވެސް ފެނެއެވެ.
ހަމައެއާއެކު، ސަންޖީދާ ހިއްސާކުރި ފޮޓޯތަކުގައި އޭނާ ސައިބޯން އިށީނދެގެން އިންއިރު މޭޒުމަތީގައި ދެ ސައިތަށި ހުއްޓެވެ. މީގެ އިތުރުން، ހަރްޝްވަރުދަންގެ ފޮޓޯއިން ފެންނަ ކުޑަ އުނދުނާއި ތަވައިގައި މީހަކު ބިސްގަނޑެއް އަޅާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސަންޖީދާ ވަނީ ހިއްސާކޮށްފައެވެ.

ސަންޖީދާ ކުރީގެ ފިރިމީހާ، އެކްޓަރު އާމިރުއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
ދެ ފަރާތުގެ ފޮޓޯތަކުން ފެންނަ ބެލްކަންޏާއި، ފެހިކަން ގަދަ މަންޒަރުތަކުގެ އިތުރުން މޭޒު ވެސް އެއްގޮތެވެ.
މި ކަންކަން ފާހަގަވުމާ އެކު، ސަޕޯޓަރުން ވަނީ ކޮމެންޓް ސެކްޝަންގައި އެ މީހުންގެ ޝުއޫރުތައް ފާޅުކުރަން ފަށާފައެވެ. އެގޮތުން ބައެއް މީހުން ސަންޖީދާ އާއި ހަރްޝްވަރުދަން ތިބީ އެކުގައިތޯ އަހާފައިވެއެވެ. މިއީ މި ދެ ތަރިން ޑޭޓް ކުރާކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މީގެ ކުރިން ތިން އަހަރު ކުރިން ގިރް ފޮރެސްޓަށް ކުރި ދަތުރެއްގައި ވެސް މިފަދަ އެއްގޮތް ފޮޓޯތަކެއް ހިއްސާކުރުމުން މި ދެ ތަރިންގެ ވާހަކަ ދެކެވުނެވެ. މި ދެ ތަރިން ވަނީ 2020 ވަނަ އަހަރު ނުކުތް ފިލްމު "ތައިޝް" އަދި 2021 ވަނަ އަހަރުގެ ފިލްމު "ކުން ފަޔާ ކުން"ގައި އެކުގައި މަސައްކަތް ކޮށްފައެވެ.
ޓެލެވިޒަން ދާއިރާގައި މަސައްކަތް ކުރުމަށްފަހު މިހާރު ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ސަންޖީދާ ވަނީ ކުރީގެ މަޝްހޫރު ޓީވީ އެކްޓަރު އާމިރު އަލީއާ 2012 ވަނަ އަހަރު ކައިވެނިކޮށްފައެވެ. ނަމަވެސް ނުވަ އަހަރުފަހުން ދެ މީހުންގެ ކައިވެންޏަށް ނިމުން ގެނެސްފައިވާއިރު އެ ކައިވެންޏަށް އަންހެން ކުއްޖަކު ވަނީ ލިބިފައެވެ.