މި އަންނަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ އެކްޓަރު އިމްރާން ހާޝިމީގެ ފިލްމު "އާވާރާޕަން 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ނިތިން ކައްކަރް ޑައިރެކްޓްކޮށް، ބިލާލް ސިއްދީގީ ލިޔެފައިވާ މި ފިލްމަކީ، ލޯބީގެ ކަނޑެއްގައި ޣަރަގުވެފައިވާ ހިތްދަތި ލޯބިވެރިއެއްގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދިތާ 19 އަހަރު ފަހުން، އިމްރާން އަނެއްކާވެސް 'ޝިވަމް ޕަންޑިތު'ގެ ގޮތުގައި އެނބުރި ބެލުންތެރިންނަށް ބައްދަލުކުރާނެ ފިލްމެވެ.
ފިލްމު "އަވާރަޕަން 2"ގެ ޓްރެއިލާއިން ފެންނަ ގޮތުގައި، މިފަހަރު އޭނާ ފެންނަނީ ކުރިއަށްވުރެ ބޮޑު ހިތްދަތިކަމަކާއި، ގަދަފަދަ ރުޅިވެރިކަމެއްގެ އިތުރުން ހުއްޓުވުމެއް ނެތް ވަރުގަދަ އަޒުމަކާ އެކުގައެވެ.
އިމްރާންއާ އެކު ބަތަލާ ދިޝާ ޕަޓާނީވެސް މުހިންމު ރޯލަކުން ފެންނާމެ މި ފިލްމުގެ ޓްރެއިލާގެ ބެކްގްރައުންޑް މިއުޒިކުން ވަނީ 2007 ވަނަ އަހަރުގެ މަޝްހޫރު ލަވަ އާ ފަރުމާއަކާ އެކު އަލުން އިއްވާލާފައެވެ.

ފިލްމު "އާވާރާޕަން 2"ގެ ސެޓުގައި އިމްރާން އަދި ދިޝާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމަކީ 'ވިޝޭޝް ފިލްމްސް' ބެނާގެ ދަށުން ވިޝޭޝް ބަޓް އުފައްދާ ފިލްމެކެވެ.
މީގެ 19 އަހަރު ކުރިން ގެނެސްދިން މޯހިތު ސޫރީ ޑައިރެކްޓްކުރި އަސްލު "އަވާރަޕަން"އިން ފެނިގެންދިޔައީ ޝްރިޔާ ސަރަން، މްރިނާލިނީ ޝަރުމާ އަދި އާޝިޝް ވިދުޔާތީއެވެ. މުކޭޝް ބަޓް އުފެއްދި 2007ގެ އެ ފިލްމަށް، ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބީއެއް ނުލިބުނު ނަމަވެސް، ފަހުން ފިލްމަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ.
ފިލްމު "އާވާރާޕަން 2"އިން އިމްރާން އާއި ދިޝާގެ އިތުރުން ކުރީގެ ބަތަލާ ޝަބާނަ އާޒްމީ ވެސް ފެންނާނެއެވެ. މި ފިލްމަކީ ޝަބާނާ އާޒްމީ އަލަށް ނެގަޓިވް ރޯލަކުން ފެންނާނެ ފުރަތަމަ ފިލްމެވެ.