ފުނަދޫ މީހުން ތޮށިމަތިން މުށިމަސް ހޮވަނީ، ރަށަށް އީދެއް

ފުނަދޫގެ ތޮށިމަތިން މުޅިމަސް ހޮވަނީ --- ފޮޓޯ/ ޝަހުދާން

އާދައިގެ މަތިން މީސްމީޑިއާ ހާވަނިކޮށް، ލޮލުގައި އަޅައިގަތީ ތަފާތު މަންޒަރެކެވެ. ރަށެއްގެ ތޮށި މަތިން މަސް ހޮވާތަނެވެ. އެހެން ގޮތަކަށް ބުނާނަމަ، މަސް ހިފާތަނެވެ. އިރުގެ އަލިކަން ފަނޑުވަމުން ދިޔަ އެ ގަޑީގައި އެ ތަނުގައި މީހުން 'ހޭވައްޓާފާއި' މަސް ހޮވަނީއެވެ. މި ކަން ވާ ގޮތެއް ބަލައިލުމަށް ކުޑަކޮށް، ދިރާސާކޮށްލައި ރަށުގެ މީހަކާ ވާހަކަދައްކާލީއެވެ.

މިހާ ފޯރިގަދަކޮށް، މަސް ހިފުމުގައި މި އުޅެނީ ށ. ފުނަދޫ މީހުންނެވެ. ބޮޑު ފަޅެއް އޮންނަ އެ ފުނަދޫގެ މީހުންނަށް ދޭތެރެއަކުން މި ކަހަލަ ނަސީބެއް ލިބެއެވެ.

އެ ރަށުން 'ސަން'އަށް މައުލޫމާތު ދިން ޝަހުދާން މުހައްމަދު (ދާންޓޭ) ބުނި ގޮތުގައި، މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ވެސް ރިއްމަސް އެ ރަށު މީހުން ހިފިއެވެ. އެކަމަކު، އެއީ ގިނައިން ދާ ޖަހައިގެނެެވެ.

ފުނަދޫ ތޮށިމަތިން މުޅި މަސް ހޮވަނީ --- ފޮޓޯ/ ޝަހުދާން

އޭގެފަހުން، މި އަހަރު އެފަދަ ނަސީބެއް ފުނަދޫގެ ރައްޔިތުންނަށް މި ލިބުނީ އަލަށެވެ. ކުރީ ފަހަރާ ޚިލާފަށް މިހާރު ފަޅު ތެރޭގައި އުޅެނީ، މުށިމަސް އައިނެކެވެ. އެ އައިނު ވަދެ، މުށިމަސް ހިފަން ފެށީ، މިދިޔަ އަންގާރަ ދުވަހެވެ.

ޝަހުދާން ބުނި ގޮތުގައި، ގިނަ ބަޔަކު ތޮށިމަތިން ނުވަތަ ފުނަދޫގެ ވީކެންޑު ބީޗުން މުޅިމަސްތައް ހިފަނީ އަތުންނެވެ. މި މަސްތައް ތޮށިމައްޗަށް އަރަނީ، ދިޔަވަރު ހިކޭ ގަޑިއަށެވެ. މި ދުވަސްވަރު ގިނައިން ދިޔަވަރު ހިކެނީ، އިރުއޮއްސޭ ދަޅަމައްޗަށެވެ. އެ ވަގުތު، ބޮޑު މީހެއް، ކުޑަކުއްޖެއް ދުލެއް ނުކުރެއެވެ. ތޮށިމަތީގައި ހޭލަމޭލަވެ، އުޅެނީ މަސް ހިފުމައިގެންނެވެ. އޭނާ ކިޔައިދިން ގޮތުގައި، މި ކަމުގައި ގިނައިން އުޅެނީ އަންހެނުންނެވެ.

ފުނަދޫ ތޮށިމަތީގައި މުށިމަސްތަކެއް ---- ފޮޓޯ/ ޝަހުދާން

ބައެއް މީހުން، 300އާއި 400އާ ދެމެދުގެ އަދަދަކަށް މުށިމަސް ހޮވައެވެ. މި މުށިމަސް މޫސުމާއެކު، އެ ރަށަށް މި ވަނީ ކުޑަވަރެއްގެ އީދެއް އައިސްފައެވެ.

މިއީ ހަމައެކަނި، ފުނަދޫއަށް ޚާއްސަ ކަމެއް ނޫނެވެ. ބައެއް ރަށްރަށަށް ދޭތެރެއަކުން ފުޅަނގި ވެސް އަރާއިރު، އެއްބައި ފަހަރަށް ގިނަ އަދަދެއްގެ މަސްތައް ވެސް ފަޅުތެރެއަށް ވަދެއެވެ.

އެ ފަދަ ދުވަސްވަރަށް އެ ރަށްތަކުގެ އެންމެންގެ މެދުގައި އޮންނަނީ އާދަޔާޚިލާފު ޖޯޝަކާއި ފޯރިއެވެ.

comment ކޮމެންޓް