ޑޮލަރު މާރުކުރުވުމާ ދެކޮޅަށް އެމްޑީޕީން ނުކުންނަނީ: ''ރައީސް އިސްތިއުފާ ދެއްވަންދެން ހަރަކާތް ކުރިއަށްދާނެ''

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެންބަރުން ވޯޓުދެނީ --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲ

ރިސޯޓުތަކަށް ލިބޭ އާމްދަނީން 40 އިންސައްތަ ޑޮލަރު މާރުކުރުމާ ދެކޮޅަށް އެމްޑީޕީން ސީދާ ހަރަކާތަށް ނުކުމެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން އެ ހަރަކާތް ކުރިއަށްގެންދިޔުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ގަރާރުގައިވަނީ ރައީސް އިސްތިއުފާދެއްވަން ދެން ސީދާ ހަރަކާތް އޮންނާނެ ކަމަށެވެ.

އެ ގަރާރުގައިވަނީ، މި ސަރުކާރުގެ މާލީ ސިޔާސަތުތަކާއި އިގުތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، ރިސޯޓުތަކަށް ލިބޭ އާމްދަނީން 40 އިންސައްތަ މާރުކުރަން ޖެހުމުގެ ސަބަބުން ނޭދެވޭ ނަތީޖާތައް ނުކުންނާނެ ކަމަށެވެ.

https://sun.mv/226756

އެގޮތުން މިހާރު ވެސް ރިސޯޓުތަކުން ޓެކުހުގެ ގޮތުގައި 60 ޕަސެންޓު ދައްކަންޖެހޭ ކަމަށާއި، ރިސޯޓުތަކުގެ މެއިންޓަނެންސާއި ލޯނަށް ބޭރުފައިސާއިން ޚަރަދުކުރަންޖެހޭ ކަމަށް، ގަރާރުގައިވެއެވެ.

އެހެންކަމުން ސަރުކާރުން އެޅި މި ފިޔަވަޅުގެ ސަބަބުން ބޭރު ފައިސާ އިތުރަށް ވަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު ކުރީގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ބަލަހައްޓަވަނީ --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله

ގަރާރުގައި އޮތް ގޮތުން، ރާއްޖޭގެ މިސްރާބު ހުރީ ބަނގުރޫޓުވުމާ ދިމާލަށެވެ. އަދި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވެސް ދަނީ ގެއްލެމުންނެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައިވަނީ، އެމްޑީޕީއާއެކު އެއް މޭޒެއްގައި މަޝްވަރާކުރައްވަން ވަޑައިގެން ރާއްޖޭގެ މާލީ ހާލަތާއި އިގުތިޞާދުގެ ހާލަތު ހައްލުކުރުމަށް މަޝްވަރާކުރެއްވުމަށާއި، ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީން 40 އިންސައްތަ މާރުކުރުން ފަދަ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ގޮވައިލައިފައެވެ.

ނޫން ނަމަ، އެ ޕާޓީން ސީދާ ހަރަކާތަށް ނިކުތުމަށް އެ ގަރާރުގައި ގޮވައިލައިފައިވެއެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އޭގެ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތައް ރައީސް ތަސްދީގުކުރެއްވީ މިއަދެވެ.

https://sun.mv/226757

އެ ބަދަލުތައް ތަސްދީގުކުރެއްވުމަށްފަހު ރައީސް ވަނީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓު އެމްއެމްއޭއަށް މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓައިގެން ނުވާނެ ކަމަށް ވިދާޅުވެ، އެ ބަދަލުތައް ދިފާއުކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަމަށް ވިދާޅުވިއެވެ. މި އައު އިސްލާހުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ޚާއްސަކޮށް އަސާސީ މުދާ އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ރިސޯޓު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ހިސާބުތަކާއި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.

comment ކޮމެންޓް