'މުސާފިރު ކެފޭ'ގެ ކާމިޔާބީއަށްފަހު، އެ ނަމުގައި ވިކްރާންތު ދެ ކެފޭ ހުޅުވަނީ

އެކްޓަރު ވިކްރާންތު މަސީ -- ފޮޓޯ/ފޭސްބުކް

ނެޓްފްލިކްސް މެދުވެރިކޮށް ދާދި ފަހުން ގެނެސްދިން އިންޑިއާގެ މަގުބޫލު ވެބް ސީރީޒް "މުސާފިރު ކެފޭ"ގެ ކާމިޔާބީއަށްފަހު، އެ ސީރީޒްގެ ލީޑު އެކްޓަރު ވިކްރާންތު މަސީ އަމިއްލަ ދެ ކެފޭ ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ސީރީޒްގައި އޭނާ އަދާކުރި ރޯލުން ލިބުނު އުންމީދާއި ހިތްވަރާއެކު، އަމިއްލަ ޚަރަދުގައި މި ދެ ކެފޭ ހުޅުވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމު ފެހި މާޙައުލަކަށް މަޝްހޫރު ހިމާޗަލް ޕްރަދޭޝް އާއި އުއްތަރާޚަންދުގައެވެ. މި ދެ ސަރަޙައްދުގައި ކެފޭ ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވިކްރާންތު މިހާރު އަންނަނީ ކުރަމުންނެވެ.

"މުސާފިރު ކެފޭ"ގެ ބައެއް މަންޒަރުތައް--ފޮޓޯ/އިންސްޓަގްރާމް

ކާމިޔާބު ފިލްމު "ޓްވެލްތު ފެއިލް"އިން މިދިޔަ އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ހޯދި ވިކްރާންތުގެ "މުސާފިރު ކެފޭ" އަކީ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ސީރީޒެކެވެ. ޑައިރެކްޓަރު ރުޗީރް އަރޫން ގެނެސްދިން، ޖުމްލަ އަށް އެޕިސޯޑުގެ މި ސީރީޒް ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފެށީ މިދިޔަ ޖުލައި މަހުގައެވެ.

މަހީމާ މަކްވާނާ އަދި ވެދިކާ ޕިންޓޯ ބަތަލާއިންގެ ބައި އަދާކުރި މި ސީރީޒަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން، އޭގެ ދެވަނަ ސީޒަނެއް އުފެއްދުމަށް ވެސް މިހާރު ވަނީ ނިންމައިފައެވެ. އުމުރުން 39 އަހަރުގެ ވިކްރާންތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "އޯ، ރޯމިއޯ"ގެ މުހިންމު ރޯލަކުންނެވެ.

comment ކޮމެންޓް