މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކޮށް ޓްރެފިކުކުރާ ކަމުގެ ތުހުމަތުގައި މެދުއުމުރުގެ ހަތަރު މީހަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 38 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނެއްގެ އިތުރުން 45 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ހަތަރު މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން އުމުރުން 38 އަހަރުގެ ފިރިހެން މީހާއާއި 41 އަހަރުގެ ފިރިހެން މީހާގެ ކޯޓު އަމުރުތަކުގައިވާ ގޮތުން އެއް ގެއެއްގައި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނާއި ވިކުރާ ފޮތެއް ފެނިފައިވެއެވެ. އުމުރުން 45 އަހަރުގެ ފިރިހެން މީހާގެ ކޯޓު އަމުރުގައި ވަނީ އޭނާއާއި އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތް ކަމަށްވާ އުމުރުން 41 އަހަރުގެ އަންހެން މީހާ ދިރިއުޅޭ ގޭގެ ސިޑި ކައިރީ ހުރި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ސަރަހައްދުން އިތުރު ތަނަކަށް ދެވެން ނެތް ކަމަށާއި ދެވެނީ އެ ފިރިހެން މީހާގެ ކޮޓަރިއަށް ކަމަށާއި އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތިން އެ ތަނުގެ ތަޅުތައް ހުޅުވިފައިވާ ކަމަށް މައްސަލަ ބައްލަވާ ފުލުސް އޮފިސަރު ކޯޓުގައި ފާހަގަކުރެއްވި ކަމަށް، ކޯޓު އަމުރުގައިވެއެވެ.
އެ އަމުރުގައިވާ ގޮތުން އޭނާގެ ދާއިމީ އެޑްރެހުގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުން ހާމައަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނާއި ވިކުރާ ފޮތެއް ފެނިފައިވާކަން މައްސަލަ ބައްލަވާ ފުލުސް އޮފިސަރު ފާހަގަކުުރައްވައިފައިވެއެވެ.
ނަމަވެސް އެ ގެއިން ނިކުމެ ކުއްޔަށް އުޅޭތާ ފަސް އަހަރު ވަނީ ކަމަށާއި މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ތަނަކީ އެންމެންނަށް ވަދެ ނިކުމެވޭ ގޮތަށް ހުންނަ ތަނެއް ކަމަށާއި އެ ތަނުން އޭނާއާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އޭނާ ކޯޓުގައި ބުނި ކަމަށް، އަމުރުގައިވެއެވެ.
މި މައްސަލައިގައި ހަތަރު މީހުންނަށް ވެސް ޖަހައިފައި ވަނީ ފަސް ދުވަހުގެ ބަންދެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.