މަސްތުވާތަކެތި ކަމަށް ބެލެވޭ 11 ރަބަރު ޕެކެޓާއެކު ހިފެހެއްޓުމުން ބުނީ އެއީ "ފޭކު" އެއްޗެހި ކަމަށް

މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހޯދާފައިވާ މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތި ކަމަށް ބެލެވޭ 11 ރަބަރު ޕެކެޓާއެކު ހައްޔަރުކުރުމުން އެ ތަކެއްޗަކީ އޭނާއަށް މީހަކު ވިއްކި ފޭކު އެއްޗެހި ކަމަށް ޒުވާނަކު ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު، ސްނޯ ލައިޓް، އުމުރުން 21 އަހަރުގެ މުޙައްމަދު ސާދިލް އިބްރާހީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުން ކަމަށެވެ. އެގޮތުން ހާދިސާ ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ކޯޓު އަމުރުގައި ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 11 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ސީނަށް ދިޔަ އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އޭނާގެ އަތުން ފެނުނު ޕެކެޓުތަކަކީ ފޭކު މަސްތުވާތަކެތި ކަމަށާއި އޭނާ އެތަނަށް ފިޔައީ އޭނާއަށް މަސްތުވާތަކެތި ވިއްކި މީހާ ހޯދަން ކަަމަށާއި ފުލުހުންގެ ރުހުމުގައި އެ ތަކެތި ދައްކާފައިވާނެ ކަމަށް އޭނާ ކޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށާއި ވަކީލަކު ނެތުމުން ޝަރީއަތުގައި އޭނާ ދައްކާ ވާހަކަތަކަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ވާހަކަތަކެއް ކަމަށާއި ހަނުހުރުމުގެ ފުރުސަތު އޮތްކަން އޭނާއަށް ހަނދާންކޮށްދީފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާގެ ބަންދަށް އިއްޔެ ކޯޓުން ހަތް ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މިމަހުގެ އަށެެއްވާ އާދީތަ ދުވަހަށެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެވެ. ވަކިން ޚާއްސަކޮށް ވެރިކަންކުރާ މާލެ ސަރަހައްދުން މިފަދަ މައްސަލަތަކުގައި ބަންދުކުރާ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް