ވައްކަމުގެ މައްސަލައެއްގައި މޫނު ބުރުގާ އަޅައިގެން އުޅުނު އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ، ޝާހުލް ޔެހަޔާ އަބްދުލްރަޖާކު ނަމަކަށް ކިޔުނު 41 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުންނެވެ.
އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުގައި، އޭނާ މޫނު ބުރުގާ އަޅައިގެން ދަބަހެއްް ހިފައިގެން އުޅެނިކޮށް ފުލުހުން ވާހަކަދެއްކުމުން ފިލަން ދުވެފައިދިޔަކަމަށް މައުލޫމާތު ދީފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައި ވަނީ، އޭނާއަކީ އިންޑިއާގެ ރައްޔިތަކަށް ވުމުން ތުހުމަތަށް ފިލުމުގެ ގޮތުން އިންޑިއާއަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީއެވެ.
އޭނާގެ ބަންދުގެ މުއްދަތު މިއަދު ޖަހާފައިވާއިރު އެ މުއްދަތު ހަމަވާނީ މި މަހުގެ ނުވައެއްވާ ހޯމަ ދުވަހަށެވެ.
ވައްކަމުގެ މިފަދަ މައްސަލަތަކަކީ ވެސް މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ދާދި ފަހުން ނިމުނު އޮކްޓޯބަރު މަހު ވަނީ، އަންހެނުންގެ ބޭންކު އެކައުންޓުން ވަގަށް ފައިސާނެގި މައްސަލައެއްގައި ހަތް މަސް ދުވަހަށް މީހަކު ޖަލަށް ލާފައެވެ.