މާސްކުން ރާއްޖެއަށް ގެންނަ ލެސް-ދޭން-ކޮންޓެއިނާ-ލޯޑް (އެލްސީއެލް) ކާގޯގެ ޕީކް ސީޒަން ސާޗާޖު ބަދަލުކޮށްފިއެވެ.
ދުނިޔޭގެ ފެންވަރުގައި ޝިޕިންގެ ހިދުމަތް ދޭ އެ ކުންފުނިން މިއަދު ނެރުނު އެންގުމެއްގައިވާ ގޮތުން، ޗައިނާއާއި ފާ އީސްޓް އޭޝިއާއިން ރާއްޖެއަށް ފޮނުވާ އެލްސީއެލް މުދަލަށް ކަނޑައަޅާފައިވަނީ ކޮންމެ ވެއިޓް އޯ މެޝަމަންޓް (ޑަބްލިއު/އެމް) އަކަށް 35 އެމެރިކާ ޑޮލަރެވެ.
މި އާ ރޭޓަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ. އަދި ވަކި ގޮތެއް އަންގަންދެން މި ސާޗާޖު ދެމިއޮންނާނެ ކަމަށް މާސްކުން ބުންޏެވެ.
މި ބަދަލުގެ ދަށުން ރާއްޖެއާއި ސްރީލަންކާއަށް ފޮނުވާ އެލްސީއެލް ޝިޕްމަންޓްތަކަށް ކަނޑައަޅާފައިވަނީ ޑަބްލިއު/އެމް އަކަށް 35 ޑޮލަރެވެ. މީގެ އިތުރުން، އިންޑިއާގެ ހުޅަނގު އުތުރު ސަރަހައްދުތަކަށް ފޮނުވާ މުދަލަށް ޑަބްލިއު/އެމް އަކަށް 33 ޑޮލަރު ކަނޑައަޅާފައިވާއިރު، އިންޑިއާގެ އިރުދެކުނު ސަރަހައްދުތަކަށާއި ނޭޕާލަށް ފޮނުވާ މުދަލަށް ކަނޑައަޅާފައިވަނީ 30 ޑޮލަރެވެ. އެހެންކަމުން، މާސްކުން އާންމުކުރި މި ޓެރިފްގައި ހިމެނޭ ތިން ގިންތީގެ ތެރެއިން އެންމެ މަތީ ސާޗާޖެއް ކަނޑައަޅާފައިވަނީ ރާއްޖެއާއި ސްރީލަންކާއަށެވެ.
އެލްސީއެލް ނުވަތަ 'ލެސް-ދޭން-ކޮންޓެއިނާ-ލޯޑް' ކާގޯއަކީ މުޅި ކޮންޓެއިނަރެއް ފުރޭ ވަރަށް ވުރެ މަދުން މުދާ އެތެރެކުރާ ފަރާތްތަކަށް ޚާއްސަ ނިޒާމެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އާންމުކޮށް ބޭނުންކުރާ މި ނިޒާމުގައި، އެކި ވިޔަފާރިތަކުން ގެންނަ މަދު މުދާކޮޅުތައް އެއް ކޮންޓެއިނަރަކަށް އެއްކޮށްލައިގެން އުފުލައެވެ. މީގެ ސަބަބުން މުޅި ކޮންޓެއިނަރަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި، ކޮންމެ ފަރާތަކުންވެސް ނާލު ދައްކަންޖެހެނީ އެ ފަރާތެއްގެ މުދާކޮޅަށް އެކަންޏެވެ. މި ނިޒާމުގައި ޑަބްލިއު/އެމް (ވެއިޓް އޯ މެޝަމަންޓް) އުސޫލުން އަގު ހިސާބުކުރަނީ މުދަލުގެ ބަރުދަނަށް (ޓަނުން) ނުވަތަ އެ މުދާ ހިފާ ޖާގައަށް (ކިއުބިކް މީޓަރުން) ބަލައި، އޭގެ ތެރެއިން އަގު ބޮޑުވާ މިންގަނޑަކުންނެވެ.
މި ބަދަލާއެކު، ޗައިނާއާއި ފާ އީސްޓް އޭޝިއާގެ ބާޒާރުތަކުން މުދާ އެތެރެކުރާ ދިވެހި ވިޔަފާރިތަކަށް، މި ޓެރިފްގައި ހިމެނޭ ޝިޕްމަންޓްތަކުގެ ނާލުގެ ހަރަދު އިތުރުވުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، މި ސާޗާޖަކީ ރާއްޖެއަށް އެތެރެކުރާ ހުރިހާ ބާވަތެއްގެ ކާގޯއަށް އާންމުކޮށް ހިނގާނެ އަގެއް ނޫނެވެ. މިއީ ހަމައެކަނި މާސްކުގެ އެންގުމުގައި ބަޔާންކޮށްފައިވާ ވަކި ރޫޓުތަކާއި އެލްސީއެލް ހިދުމަތްތަކަށް ޚާއްސަ ބަދަލެކެވެ.
މާސްކުން ބުނި ގޮތުގައި، މި ރޭޓުތަކުގެ އިތުރުން ލޯކަލް ޗާޖުތަކާއި ކޮންޓިންޖެންސީ ޗާޖުތައް ފަދަ ކަނޑައެޅިފައިވާ އެހެނިހެން ސާޗާޖުތައްވެސް މި ޝިޕްމަންޓްތަކަށް ހިނގާނެއެވެ. މި ސާޗާޖަށް އަމަލުކުރުން ނިމުމަކަށް އަންނާނެ ވަކި ތާރީހެއް އެ ކުންފުނިން އަދި ކަނޑައަޅާފައެއް ނުވެއެވެ.