ނަވާޒް ޝަރީފާއި އަޝްރަފް އަބްދުލްޣަނީ ކާބުލްގައި ބައްދަލުކުރައްވައިފި

ނަވާޒް ޝަރީފް އާއި އަޝްރަފް ޣަނީ --

ކާބުލް (މޭ 13): ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް އަފްޣާނިސްތާނަށް ވަޑައިގެން އެގައުމުގެ ރައީސް އަޝްރަފް އަބްދުލްޣަނީއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ އަފްޣާނިސްތާނާއި ޕާކިސްތާން ގުޅިފައިވާ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަރުކަށި ޖަމާއަތްތަކާ ކުރިމަތިލާނެ ގޮތްތަކާބެހޭގޮތުންނާއި ދެގައުމުގެ އިގްތިސާދީ ސިޔާސީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާބެހޭގޮތުން ކަމަށް އަފްޣާން ޚާރިޖީ ވުޒާރާއިން ބުނެއެވެ.

އަފްޣާން ޚާރިޖިއްޔާގެ މަސްއޫލުވެރިއަކާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި އަޝްރަފް ޣަނީއާއެކު ނަވާޒް ޝަރީފް ކުރެއްވި މަޝްވަރާތަކުގައި އަފްޣާނިސްތާނާއި ޕާކިސްތާން ގުޅިފައިވާ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަރުކަށި ޖަމާއަތްތަކާ ކުރިމަތިލުމުގައި އަފްޣާނިސްތާނަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ނަވާޒް ޝަރީފްވަނީ ދެއްވާފައެވެ.

މިބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސް ކޮންފަރެންސްގައި ނަވާޒް ޝަރީފް ވިދާޅުވީ އަފްޣާނިސްތާނުގެ ހަމަނުޖެހުން އުފައްދައި ބޮންގޮއްވުމާއި ހަނގުރާމައިގެ އަމަލުތައް ހިންގާ ޖަމާއަތްތަކާ ދެކޮޅަށް އަފްޣާން ސަރުކާރުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ޕާކިސްތާނުން އަބަދުވެސް އެހީތެރިކަން ދޭނެ ކަމުގައެވެ.

އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއި ވަނީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާނުންނަށް ބައެއް ޙާލަތްތަކުގައި ސިއްރިޔާތުގައި އެހީތެރިވާކަމުގެ ތުހުމަތު ޕާކިސްތާނުގެ މައްޗަށް ކުރައްވާފައެވެ. އަދި ޕާކިސްތާން ބޭނުންވާ ސިޔާސީ މަގްސަދުތައް ޙާސިލް ކުރުމަށްޓަކައި އަފްޣާން ތާލިބާނުންގެ ބޭނުން ޕާކިސްތާނު ސަރުކާރުން ހިފަމުން ގެންދާކަމަށްވެސް އެދުވަސްވަރު ހާމިދު ކަރުޒާއި ތުހުމަތު ކުރައްވާފައިވެއެވެ.

ޙާމިދު ކާރުޒާއިގެ ތުހުމަތުތަކާ ގުޅިގެން ދެގައުމުގެ ގުޅުންތަކަށް ނޭދެވޭ އަސަރުތައް ކޮށްފައިވާއިރު ނަވާޒް ޝަރީފު މިހާރު އަފްޣާނިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުންތައް އަލުން ރަނގަނޅުވެ އިތުބާރު އުފެދިފައިވާ ކަމަށް އަފްޣާން މަސްއޫލުވެރިން ވިދާޅުވެއެވެ.

ނަވާޒް ޝަރީފަކީ ހާމިދު ކަރުޒާއިގެ ވެރިކަމަށްފަހު އަފްޣާނިސްތާނުގެ ވަރިކަމާ އަޝްރަފް ޣަނީ ހަވާލުވެ ވަޑައިގެންނެވިފަހުން އަފްޣާނިސްތާނަށް ވަޑައިގެންނެވި ޕާކިސްތާނުގެ ފުރަތަމަ ބޮޑުވަޒީރެވެ. (ރޮއިޓާސް)

comment ކޮމެންޓް