ޕާކިސްތާން ސިފައިންގެ ވައިގެ ހަމަލާތަކެއްގައި ތާލިބާނުންގެ 20 ހަނގުރާމަވެރިން މަރާލައިފި

ވަޒީރުސްތާންގައި ޕާކިސްތާން ސިފައިން ހަރަކާތްތެރިވަނީ

އިސްލާމްއާބާދު (ޖޫން 14): ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހަރަކާތްތެރިވާ ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރިންނަށް (ތާލިބާނުންނަށް) ޕާކިސްތާން ސިފައިން ވައިގެ ހަމަލާތަކެއްދީ އޭގެތެރެއިން 20 މީހުން މަރާލައިފި އެވެ.

ޕާކިސްތާން ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއް ބުނިގޮތުގައި ވައިގެ ހަމަލާތައް ދެމުންގެންދަނީ ވަޒީރުސްތާންގެ ދާތާ ޚައިލު ސަރަހައްދަށެވެ. މިޙަމަލާތަކުގައި ހަރުކަށި ހަނގުރާމަވެރިންގެ 20 މީހުން މަރާލެވުނު ކަމަށާއި އެމީހުންގެ ބައެއް އަސްކަރީ މަރުކަޒުތައްވެސް ހަލާކުކޮށްލެވުނު ކަމަށް މި ބަޔާން ބުނެއެވެ.

ވަޒީރުސްތާންގެ ދާތާ ޚައިލު ސަރަހައްދަކީ ތާލިބާނުންގެ ބޭސްތައް ހުންނަ ސަރަހައްދެކެވެ. ޕާކިސްތާން ސިފައިންގެ ތަރްޖަމާނެއްކަމަށްވާ ޖެނެރަލް އާސިމް ބާޖުވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަރުކަށި ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާން ސިފައިން ކުރަމުން ގެންދާ ހަނގުރާމައިގައި މިއަހަރު ތެރޭގައި ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން ހަނގުރާމަވެރިން މަރާލެވި އަށްސަތޭކަ ތިރީސް ހަތް މަރުކަޒު ހަލާކުކޮށްލެވި ދުއިސައްތަ ފަންސާސް ތިން ޓަނުގެ ގޮވާތަކެތި އަތުލައިގެންފައިވާ ކަމުގައެވެ.

މިހަނގުރާމައިގައި ޕާކިސްތާން ސިފައިންގެ ތިންސަތޭކަ ސާޅީސް ހަތްމީހުން މަރުވެފައިވާ ކަންވެސް ޖެނެރަލް އާސިމް ބާޖުވާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ. ޕާކިސްތާން ސިފައިންގެ މިހަމަލާތަކުގައި އާންމުން މަރުވަމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދިޔަނަމަވެސް އެކަމާބެހޭ ފުރިހަމަ މައުލޫމާތު ޕާކިސްތާނުގެ ރަސްމީ ފަރާތްތަކުން ނުދޭކަމަށް އެގައުމުގެ ނޫސްތައް ބުނެއެވެ.

ޕާކިސްތާން ސިަފއިންނާއި ތާލިބާނުންނާ ދެމެދު ކުރަމުން ގެންދާ ހަނގުރާމައިގައި މިލިޔަނަކަށްވުރެ ގިނަ އާންމުން ހާލުގައި ޖެހިފައިވާކަމަށް ވެއެވެ. ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރިންގެ ގޮތުގައި ޕާކިސްތާން ސަރުކާރުން ސިފަކުރަނީ ތާލިބާނުންނަށެވެ.

ތާލިބާނުންނަކީ ޕާކިސްތާނުގެ އަމްނާއި ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. (ރޮއިޓާސް)

comment ކޮމެންޓް