ޕާކިސްތާނާއި އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 275 އަށް އަރައިފި

ޕާކިސްތާނަށް އިއްޔެ އައި ބިންހެލުމުގެ ތެރެއިން --- ފޮޓޯ: އޭޕީ

އުތުރު އަފްޣާނިސްތާނާއި ޕާކިސްތާނުގެ ފަރުބަދަ މަތީ ސަރަހައްދުތަކަށް އިއްޔެ އެރި ރެކްޓާ މިންގަނޑުން 7.5ގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 275 ކަށް އަރާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

ރޮއިޓާސް އިން މިހެން ބުނެފައި ވަނީ އެ ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

ބިންހެލުމުގައި އަފްޣާނިސްތާނުން 50 ވަރަކަށް މީހުން މަރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ 228 ވަރަކށް މީހުން ބިންހެލުމާ ގުޅިގެން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ބިން ހެލުމެއް އަނެއްކާވެސް އަތުވެދާނެކަމުގެ ބިރު އޮތުމުން ޕާކިސްތާނުގެ ގިނަ މީހުން ހޯމަ ދުވަހުގެރޭ ހޭދަ ކޮށްފައިވަނީ ގެއިން ބޭރުގައި ކަމަށް ޕާކިސްތާންގެ މިޑިއާތަކުން ބުންޏެވެ.

"ރެސްކިއު މަސައްކަތްތައް ދަނީ ކުރިއަށް. ޓެންޓްތަކާއި، ނިދަން ބޭނުންކުރާ ރަޖާތައް ދަނީ ބަހަމުން،" ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމެންޓް އޮފިޝަލެއް ކަމަށްވާ ލަތީފް އައް ރަހްމާން ރޮއިޓާސް ވިދާޅުވިއެވެ.

ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ބެލުމަށާއި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށް ޕާކިސްތާނު އަސްކަރިއްޔާ އާއި ކަމާބެހޭ ފަރާތްތަކުން ވަނީ ހެލިކޮޕްޓަރުތައް އެ ސަރަހައްދުތަކަށް ފޮނުވާފައެވެ.

މިދިޔަ ހަފްތާ ބަންދުގައި ފަރުބަދަ މަތީ ސަރަހައްދުތަކަށް ބޯކޮށް ވާރެއާއި ސްނޯ ވެހުމުގެ ސަބަބުން ފަރުބަދަމަތީގައި ތާށިވެފައިވާ ފަތުރުވެރިންތަކަކަށް ވެސް ވަނީ އެހީ ބޭނުންވެފައެވެ.

އެ ބިންހެލުން އައިސްފައިވަނީ ނޭޕާލަށްއެރި އެންމެ ބޮޑު ބިންހެލުން އެރިތާ ހަމަސްވީފަހުންނެވެ. މޭ މަހު ނޭޕާލަށްއައި އެ ބިންހެލުމުގައި 9000 ވަރަކަށް މީހުން މަރުވެ 900،000 ގެ ވަނީ ހަލާކުވެފައެވެ.

އަފްޣާނިސްތަނުގައި ތާލިބާނުންގެ ސަބަބުން ރެސްކިއު ޓީމުތަކަށް މަސައްކަތް ކުރުމަށް އުނދަގޫ ވުމަކީ އެކަށީގެންވާކަމެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

ހަލާކުވެފައިވާ ގެތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ފިނި މޫސުން ގާތްވަމުން ދިޔުމުމުގެ ސަބަބުން އިތުރު ހުރަސްތަކެއް ކުރުމަތިވަމުން އަންނަ ކަމަށް ވެސް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

ބިންހެލުން އެރި ހިންދޫ ކުޝް ފަރުބަދަމަތީ ސަރަހައްދުތަކުން މުވާސަލާތީ ޚިދުމަތްތައް ކެނޑިފައިވުމުން މަރުވެފައިވާ މީހުންގެ އަދަދު އަދި ކަށަވަރުވެފައިނުވާ ކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.

އިއްޔެ އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު، މެގްނިޓިއުޑް 4.8 ގެ ބާރުމިނުގެ ކުދި ބިންހެލުންތައް އައިސްފައިވާކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުންޏެވެ.

ޕާކިސްތާނަށް ބިންހެލުން އައިސްފައި ވަނީ ކާބުލްގެ ދެކުނުން 254 ކިލޯމީޓަރު އުތުރުން، 215 ކިލޯމީޓަރު އަޑިން ނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީޕް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރަކަށް ފަހު ލަންޑަންގައި މަޑުކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ އެމަނިކުފާނު އަމިއްލަފުޅަށް ރެސްކިއު ޓީމު ތަކުގެ މަސައްކަތްތައް ބައްލަވާނެ ކަމަށެވެ.

comment ކޮމެންޓް