ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމަށް ފުލެޓެއް ދޭން ރައީސް އަމިއްލަފުޅަށް ހުށަހަޅުއްވާފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫގައި ރައްކާތެރި ބޯފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ފިކުރު ބަދަލު ކުރެއްވުމުގެ ގޮތުން ފުލެޓެއް ދޭން އޭނާއަށް ހުށަހަޅަންވީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. ރައީސް ވިދާޅުވީ، އެކި ފަރާތްތަކަށް ފްލެޓު ދިނުމަކީ އެމަނިކުފާނުގެ އަތްޕުޅުމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ.
"ސަރުކާރުގެ ވަޒީރުންގެ ކޮމެޓީއަކުން ނިންމަވާފައި އެ އޮތީ، ސަރުކާރުގެ ހަރަދުގައި ހަދާފައިވާ ފްލެޓުތައް މިނިވަން މުއައްސަސާތަކުގައި ތިއްބެވި އިސްވެރިންނަށް ފްލެޓު ލިބޭނެ އުސޫލެއް ހަމަޖައްސައިދޭން. އޭރުގެ އޮޑިޓާ ޖެނެރަލަކީ މިނިވަން މުއައްސަސާގެ އިސްވެރިއެއް. އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ތިއްބަވާ ބޭފުޅުން މީހުންގެ ގޭގޭގައި ކުލި ދައްކުވައިގެން ތިއްބެވުމަކީ. އަޅުގަނޑުމެންނަށް ފަސޭހަ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އަމިއްލަ ފަރާތްތަކުގެ ގެތަކުގައި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ފަރާތްތައް ތިއްބަވައިފި ނަމަ އެފަރާތްތަކުގެ މަސައްކަތަށް "ކޮންމެވެސް ވަރެއްގެ" އަސަރެއް ކޮށްފާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ވަޒީރުންގެ ކޮމެޓީން އެފަދަ ފަރާތްތަކަށް ފްލެޓެއް ދިނުމަށް ނިންނެވި އެންމެ ބޮޑު އެއް ބޭނުމަކީ އެއީ ކަމަށެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް: -- ސަން ފައިލް ފޮޓޯ
"އެހެންވީމަ އެ ކަމަކީ އަޅުގަނޑުގެ ފަރާތުން އޮފަރ ދިޔަ ނަމަ، އަޅުގަނޑު ހަނދާނެއް ނެތް ދިޔަ ކަމަކަށް. އެ އޮފަރ ދިޔަ ނަމަ އެއީ އެއްގޮަތަކަށް ވެސް އެބޭފުޅާގެ {ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް} ހިތްޕުޅަށް، އެބޭފުޅާގެ ވިސްނުން އަޅުގަނޑުގެ ކޮޅަށް ލަންބަން އޮވެގެން ކުރި ކަމެއް ނޫން އެއީ އެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، މަގާމުގައި ހުންނަވައިގެން ނުދެއްކެވި ވާހަކަފުޅުތަކެއް މިއަދު މަގާމުން ވަކިވެ ހުރެ، ދެއްކެވުމަކީ ހިތާމަފުޅު ކުރައްވާ ކަމެއް ކަމަށެވެ.
ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަފުޅުދައްކަވަމުން ނިޔާޒު ވިދާޅުވީ، ރެހެންދި ފްލެޓުން 10 އެޕާޓްމެންޓް ސަރުކާރަށް ލިބޭ ކަމަށާއި، އެތަނުން އެޕާޓްމެންޓެއް ދޭން ގަސްތު ކުރައްވާ ކަމަށް ރައީސް ޔާމީން އެބޭފުޅާ އަރިހުގައި ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އޮޑިޓާ ޖެނެރަލްގެ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ ބާރު ލިބިގެން ވަނީ ސަރުކާރަށް ނޫން ކަމަށާއި، އެކަން ކަނޑައެޅޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ޔާމީން އަރިހުގައި ދަންނަވާފައިވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު އެއޮޑިޓް ކުރަން ފެށުމާއެކު އާއިލާގެ ފަރާތުން ވެސް އެދިގެން ސެކިއުރިޓީއަށް އެދުނިން، ފުލުހުންނަށް ވެސް ރައީސަށް ވެސް އަދި މަޖިލީހަށް ވެސް. އެސިޓީއާ ގުޅިގެން ރައީސްގެ ޕާސަނަލް ނަމްބަރުން ގުޅާފައި ވިދާޅުވި ޓީވީ ކުރިމަތީ ހަދާ ފްލެޓުން ސަރުކާރަށް ލިބޭ 10 ފްލެޓުން ފްލެޓެއް ދޭން އެބަ ނިންމަމޭ. އަޅުގަނޑު ދެންނެވިން ބޭނުމެއް ނޫނޭ. އެއީ އަޅުގަނޑުގެ އިނާޔަތް އޮންނަނީ ކަނޑައަޅާފައޭ،" ނިޔާޒް ވިދާޅުވި އެވެ.