ރެހެންދި ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރެހެންދި ފްލެޓު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރެހެންދި ފްލެޓް އެކަކާއި ތިނަކުން ސަރުކާރަށް ލިބޭ ޖުމްލަ 11 ފްލެޓުގެ ތެރެއިން ރެހެންދި ފްލެޓް ތިނެއްގެ 10 ފުލެޓް ވިއްކަން ހުޅުވާލާފައިވާ މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިމަހުގެ ތެރޭގައި ކުރި އިއުލާނެއްގައި، "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" ސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި އެކެއް ގެ އެއް ފްލެޓު އަދި ރެހެންދި ތިނެއްގެ 10 ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ ނިޔަލަށެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރެހެންދި ތިނެއްގެ 10 ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ، ރެހެންދި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކުން އިތުރު ފުރުސަތަކަށް އެދެމުންދާތީ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮންމެ މީހެއްގެ ނަމުގައި ގަތުމަށް ހުށަހެޅޭނީ އެންމެ ފްލެޓެކެވެ. ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތުގެ ނަމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުމަކީ ޝަރުތެކެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކީ ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން ފްލެޓްގެ އަގުގެ %25 ދެއްކޭނެ ފަރާތަކަށް ވާންޖެހޭނެ އިރު، ފްލެޓްގެ އަގު އެއްފަހަރާ ދެއްކެން ނެތް ފަރާތްތަކުގެ ތެރެއިން ޑައުންޕޭމަންޓްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް މިނިސްޓްރީން މީގެ ކުރިން އިއުލާންގައި ބުނެފައިވެ އެވެ.

އެ އިއުލާނުގައި ވަނީ ޑައުންޕޭމަންޓް ދައްކަން ހުށަހަޅަންވާނީ އެއްފަހަރާ ކަމަށާއި ބާކީ ފައިސާ، ފްލެޓް ގަންނަން ހުށަހަޅާ ފަރާތުގެ ނަމުގައި ސަރުކާރަށް ދެއްކުމަށް ގެރެންޓީ ދޭ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިއުޓެއްގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށެވެ.

މާލޭގެ 363 ނަންބަރު ކޮށީގައި (ޓީވީ ކޮށީގައި) އިމާރާތްކޮށްފައިވާ ރެހެންދި ފްލެޓްތަކަކީ އެފްޑަބްލިޔު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކެކެވެ.

comment ކޮމެންޓް