ނިއުދިއްލީ (އެޕްރީލް 28): ޕާކިސްތާނުގެ ވަޒީރުސްތާނުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތައް ނައްތާލުމަށް ބޮޑެތި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުން ގެންދާކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިޢްޒާޒު އަހްމަދު ޗައުދަރީ ވިދާޅުވީ ވަޒީރުސްތާނުގައިވެސް އަދި ޕާކިސްތާނުގެ އެހެން ސަރަހައްދުތަކުގައިވެސް ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތައް ނައްތާލުމަށް ސަރުކާރުން ބޮޑު އިސްކަމެއްދީ އަސްކަރީ އޮޕަރޭޝަންތައް ހިންގަމުން ގެންދާކަމަށާއި އަދި މިކަމުގައި ކުރިއެރުންތަކެއްވެސް ލިބެމުންދާކަމުގައެވެ.
އިންޑިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ޗައުދަރީ އިއްޔެވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރާ ޝުޝްމާ ސްވަރާޖް އާ ނިއުދިއްލީގައި ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންގެ ވާހަކަތައް ބިނާކުރެއްވީ ދެގައުމުގެ ގުޅުންތައް ހަރުދަނާ ކުރުމާބެހޭގޮތުންނާއި އަދި ޕާކިސްތާނުގެ ބިން ބޭނުންކޮށްގެން އިންޑިޔާއަށް ހަމަލާދޭކަމަށް އިންޑިޔާ ތުހުމަތުކުރާ ހަނގުރާމަވެރި ޖަމާއަތްތަކާމެދު ޕާކިސްތާނުން ފިޔަވަޅުއެޅުމަށް އިންޑިޔާ ބާރުއަޅާ މައްސަލާގައެވެ.
އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުންތަކަށް އެޅިފައިވާ އެންމެ ބޮޑު ހިޔަންޏަކީ މިފަދަ ހަނގުރާމަވެރި ޖަމާއަތްތަކެވެ.
މިދިޔައަހަރުގެ ފަހުކޮޅު އިންޑިޔާގެ ޕަންޖާބުގައިވާ އަސްކަރީ ވައިގެ ބޭހަކަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައިވާކަމަށް އިންޑިޔާއިން ތުހަމަތު ކުރަނީވެސް ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ލަޝްކަރޭ މުހައްމަދު ޖަމާއަތުގެ މައްޗަށެވެ. ނަމަވެސް މިކަން ތަހްގީގް ކުރުމަށްފަހު ޕާކިސްތާނުންވަނީ އެޙަމަލާއާއި ލަޝްކަރޭ މުހައްމަދު ޖަމާއަތާ އެއްވެސް ގުޅުމެއްނެތްކަމަށް ބުނެފައެވެ.
އަނެއްކޮޅުން އަފްޣާނިސްތާނުންވަނީ ޕާކިސްތާނުގެ ވަޒީރުސްތާނުގައި ހަރަކާތްތެރިވާ ހައްގާނީ މޫމެންޓް ޖަމާއަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުގެ ކިބައިން އެދިފައެވެ. ދާދިފަހުން ކާބުލްގައި ހިންގި ބޮމުގެ ޙަމަލާތަކުގެ ފަހަތުގައިވަނީ ހައްގާނީ މޫމެންޓް ކަމަށް އަފްޣާނިސްތާނުން ތުހުމަތު ކުރެއެވެ. ހައްގާނީ މޫމެންޓަކީ އަލްގާއިދާއާއި ތާލިބާނުންނާ ގުޅުންބޮޑު ތަކްފީރީ ޚިޔާލުގެ ޓެރަރިސްޓް ޖަމާއަތެކެވެ. އެޖަމާއަތުގެ ހަމަލާތަކުގެ ޝިކާރައަކަށްވެސް ގިނައިންވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ އާންމުންނެވެ.
ހައްގާނީ މޫމެންޓްގެ ހަނގުރާމަވެރިންނަށް ވައިގެ މަގުން ޙަމަލާދީ އެޖަމާއަތުގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން މަރަމުން ގެންދަނީ އެމެރިކާއިންނެވެ. ނަމަވެސް މިކަމަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާއަށް ހަމަލާދިނުމުގެ ގާބިލްކަން ހައްގާނީ މޫމެންޓްގައި ނެތުމުން އެޖަމާއަތުން ޙަމަލާދެނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ އާންމުންނަށެވެ. (ރޮއިޓާސް)
 
											
										 
					 
                 
                                                            