ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ރެހެންދި 1ގެ އެއް ފްލެޓާއި، ރެހެންދި 3ގެ 10 ފްލެޓު ބީލަމުގައި ވިއްކުމަށް ހައުސިންގ މިނިސްޓްރީން ހަމަޖައްސައި، އެކަން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ހައުސިންގ މިނިސްޓްރީން ވަނީ، ރެހެންދި ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް އާންމުންނަށް ވިއްކުމަށް ހުޅުވާލައި، އިއުލާން ކޮށްފަ އެވެ. އެހެން ނަމަވެސް އެ އިއުލާނަށް ގިނަ އިސްލާހުތަކެއް އެކި ފަހަރު މަތިން ގެނައުމަށް ފަހު، އެ ފްލެޓުތައް ވިއްކުމާ ބެހޭގޮތުން މިނިސްޓްރީން ކުރި ހުރިހާ އިއުލާނެއް މިދިޔަ ބުރާސްފަތި ދުވަހު ބާތިލު ކުރެވުނެވެ.
ހައުސިންގ މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރެހެންދި ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ބީލަމުގެ އުސޫލުން އާންމުންނަށް ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށާއި، ފްލެޓް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އަދި މަޢުލޫމާތު ކަރުދާސް މާދަމާ ހެނދުނު 11:00 އިން ފެށިގެން ޖޫން 14 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށް ހައުސިންގ މިނިސްޓްރީން ލިބޭނެ ކަމަށެވެ.
ފޯމާ އެކު ލިބޭ މައުލުމާތު ކަރުދާހުގައި، ފްލެޓުތަކުގެ އަގާއި، ފޯމު އިވެލުއޭޓް ކުރާނެ ގޮތާއި، ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވާ ގޮތާއި، ފްލެޓުގެ މިންތަކާއި ކުރެހުންތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަދި މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމާއި މައުލޫމާތު ކަރުދާސް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރެހެންދި ފްލެޓުތަކަށް ދެމިލިޔަން ރުފިޔާ ހުށަހަޅާ ހުރިހާ ފަރާތެއްގެ މެދުގައި ނީލަން ކިޔައިގެން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ފްލެޓު ވިއްކުމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިން ނިންމި ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި، ގުރުއަތުލައިގެން އެކަން ކުރުމަށް ލަފާ ދީފަ އެވެ.
މާލޭގެ 363 ނަންބަރު ކޮށީގައި (ޓީވީ ކޮށީގައި) އިމާރާތްކޮށްފައިވާ ރެހެންދި ފްލެޓްތަކަކީ އެފްޑަބްލިޔު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކެކެވެ.