މައިލޯ 19 ވަނަ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން ކުދީންގެ 19 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ އެއް ވަނަ ސެންޓަރ ފޮރ ހަޔަރ ސެކެންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ މިޖުވާދު މާޖިދު ހޯދައިފިއެވެ.
އެ ދުވުމުގެ އެއް ވަނަ ސީއެޗްއެސްއީގެ މިޖުވާދު ހޯދީ އެ އިވެންޓުގެ ފައިނަލުގައި ވާދަކޮށް، ފަސް މިނެޓާއި 58.59 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެ ދުވުމުގެ ދެ ވަނަ ހޯދީ ހަ މިނެޓާއި 00.17 ސިކުންތުން ރޭސް ނިންމި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މުހައްމަދު ރީހާން އެވެ. އަދި އެ ދުވުމުގެ ތިން ވަނަ ހޯދާފައިވަނީ ހަ މިނެޓާއި 00.63 ސިކުންތުން ރޭސް ނިންމި ސީއެޗްއެސްއީގެ އަބްދުﷲ ނިބްރާސް އަހްމަދެވެ.
އެ މުބާރާތުގެ އަންހެންކުދީންގެ 17 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް އެއް ވަނަ ހޯދާފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްރާ އިބްރާހީމެވެ. އެ އިވެންޓުގެ ދެ ވަނަ ހިރިޔާ ސްކޫލުގެ އައިމިނަތު ނުސްރާ ނިޔާޒް ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ ސީއެޗްއެސްއީގެ މަރިޔަމް ޔާނާ ތޮލާލް އެވެ.
ފިރިހެން ކުދީންގެ 17 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް އެއް ވަނަ ހޯދާފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސައިފުﷲ އަހްމަދެވެ. އެ އިވެންޓުގެ ދެ ވަނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުއީދު އަބްދުﷲ އަހްމަދު ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ މަޖީދިއްޔާ ސްކޫލުގެ އާދަމް ޔާނިޝް އާދިލް އެވެ.
އެ މުބާރާތުގެ ފިރިހެން ކުދީންގެ 15 އަހަރުން އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް އެއް ވަނަ ހޯދާފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހާޒިމް ހުސައިން ޝަރީފެވެ. އެ އިވެންޓުގެ ދެ ވަނަ ތާޖުއްދީން ސްކޫލުގެ އަހްމަދު ލުޖައިން ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ އަފީފުއްދީން ސްކޫލުގެ އިރުފާން އަބޫބަކުރެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 30 ސްކޫލެއް ބައިވެރިވެފައިވެއެވެ.